11 Feb 2015, 17:17
ބާވެފައިވާ އިމާރާތެއް ކަމަށް ބުނެ ހުސްކުރުމަށް ޔުނިވާސިޓީއަށް އަންގާފައިވާ ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި އިމާރާތަކީ ނުރައްކާތެރި އިމާރާތެއް ނޫން ކަމަށް ގައުމީ ޔުނިވާސިޓީއިން ބުނެފިއެވެ.
އެ ޔުނިވާސިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ވައިސް ޗާންސެލާ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ ޔުނިވާސިޓީގެ ޖީ ބުލޮކް ހިންގަމުންދާ ބާ ޖަމާލުއްދީން ގައި 1300 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށާއި އެއީ ބާ އިމާރާތެއް ނޫން ކަމަށެވެ.
"މިއުޅެނީ އެހެން އެޖެންޑާއެއްހެން އަޅުގަނޑަށް ހީވަނީ، މިއުޅެނީ އިމާރާތް ބާވެގެނެއް ނޫން،" ޑރ. ޝަރީފް ވިދާޅުވިއެވެ. "އަޅުގަނޑުމެން ގަބޫލް ކުރަން ދަރިވަރަކަށް ގެއްލުމެއް ނުވެ އެތާގައި ކިޔެވޭނެ ކަމަށް،"
ޑެޕިއުޓީ ވައިސް ޗާންސެލާ ހުސެއިން ހަލީމް ވިދާޅުވީ ބާ ޖަމާލުއްދީނަކީ ބާ އިމާރާތެއް ކަމަށްބުނާއިރު ދާދިފަހުން އެއިމާރާތައް އިންފޮމޭޝަން އޮފިސަރުގެ އޮފީސް ވެސް ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށެވެ. އެ އިމާރާތް ވަނީ ދާދި ފަހަކުން ވެސް މަރާމާތުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އިމާރާތް ޔުނިވާސިޓީއާއި ހަވާލުކުރިއިރު އެތަން ވަކި މުއްދަތެއްގައި ހުސްކުރުމަށް ވެސް އަންގާފައިނުވާ ކަމަށެވެ. އަދި 1998 ވަނަ އަހަރު ފަހުން ޔުނިވާސިޓީއަށް އިމާރާތެއް ކުރެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.
ޔުނިވާސިޓީގެ ވިސްނުމަކީ ވަކިތާކުން ނުނުކުމެ ތިބުން ނޫން ކަމަށާއި ވަސީލަތްތައް އެހެން ތަނަކުން ހަމަޖައްސައި ދެއްވައިފިނަމަ ބާޖަމާލުއްދީން ހުސްކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި 23 އޮކްޓޫބަރުގައި ބާ ޖަމާލުއްދީންގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވީ ބާޖަމާލުއްދީން ގައި ތިބުމަށް އެންމެ ބޮޑު ހިތްވަރެއް ޔުނިވާސިޓީއަށް ލިބިފައިވަނީ މިހާރުގެ ރައީސް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރު ކަމަށެވެ. އެގޮތުން އޭރު އެ އިމާރާތް ހުސްކުރުމަށް އެންގެވުމުން ރައީސް ޔާމީން އަންގާފައިވަނީ އެކަށިގެންވާ ތަނެއް ދައްކަންދެން އެތަނުގައި ތިބުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ރައީސް ޔާމީންނަށް ދައްނަވާލަން ބޭނުން ވަނީ މަތީ ތައުލީމަށް މަނިކުފާން 2006 ވަނަ އަހަރު ބެހެއްޓެވި ކުލުނާއި އޯގާތެރިކަން މިހާރު ބެހެއްޓެވުން މާ ހެޔޮކަން ބޮޑުވެގެންވޭ،" ހަސަން ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓިއަށް އެތައް ބިމެއް ދިނުމުންވެސް އެކަމަށް އެޔުނިވާސިޓީއިން އިޖާބް ނުދޭކަމަށް ސަރުކާރުން ބުނެފައިވުމުން ހުސެއިން ހަލީމް ވިދާޅުވީ އެކި މަރުހަލާތަކުގައި ބިންތައް ދީފައިވާ ކަމަށާއި ނަމަވެސް ބިންތައް ދެއްވީ ވަކި ހާއްސަ ޕުރޮޖެކްޓްތަކަކަށް ކަމަށެވެ. އެހެން ކަމުން ޔުނިވާސިޓީން ބޭނުންވާގޮތަށް އިމާރާތް ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ބޭނުން ނުކުރެވި އޮތީ އެންމެ ބިމެއް ކަމަށާއި އެއީ ޓޫރިޒަމް ފެކަލްޓީއާ ޖެހިގެން އޮންނަ ބިމެއް ކަމަށާއި އެތަން ބޭނުން ނުކުރެވި އޮތީ އެ ފެކަލްޓީ އިމާރާތް ކުރި ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ބިމެއް ނުދީ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ސޯސަންގޭގެ ހަ ކުލާސް ރޫމް ހިންގަމުން ދަނިކޮށް އޭގެ ބަދަލުގައި ޓޫރިޒަމް ފެކަލްޓީ ހިންގުމަށް ދީފައިވާ އިމާރާތުގައި ހިމެނެނީ އަށް ކުލާސް ރޫމް ކަމަށާއި އެ އިމާރާތުގެ ބޮޑު ބައެއް ހިމެނެނީ އެކޮމެޑޭޝަން އާއި އެހެނިހެން ވަސީލަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއިމާރާތަކީ އެހެން ފެކަލްޓީތަކަށް ހިންގޭނެ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯސަންގެއިން ފުލުހުން ހުސްކޮށްފައިވާ މެޝިނަރީ ވީހާވެސް އަވަހަށް އެތަކެތި ހުރިތަނަށް ގެންގޮސް ދިނުމަށް އެދޭ ކަމަށާއި އެއީ ވަރަށް އަގު ބޮޑެތި މެޝިންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.