11 Feb 2015, 16:30
ހިޔާލު ފާޅުކުރުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް އެފަދަ ޙަރަކާތްތައް ބާއްވާ ފަރާތްތަކުން، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ހަނދާންކޮށްދީފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ބާއްވާ ޞުލްޙަވެރި މުޒާހަރާތަކާއި އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުންގެ މުއައްސަސާއިން ދޭންޖެހޭ އެއްބާރުލާމާއި އެހީތެރިކަން ދޭނެ ކަމަށް ފުލުހުން ބުންޏެވެ. ހަމައެއާއެކު އެފަދަ އެއްވުތަކާއި މުޒާހިރާތަކުގައި ބައިވެރިވާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.
"މާލޭގެ އެކި ސަރަޙައްދުތަކުގެ އިތުރުން ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޤާނޫނާ ހިލާފަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވައި، ގާނޫނާ ޚިލާފް އަމަލުތައް ހިންގުމަކީ ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ނެތިދާނެ ފަދަ ކަންކަމެވެ. ހަމައެހެންމެ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވުން މަނާ ސަރަޙައްދުތަކާއި ތަންތަނަށް އެއްވުމަކީވެސް ޤާނޫނާ ޚިލާފަށް ކަމެއްކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތާ ޚިލާފަށް، މަނާ ސަރަޙައްދަކަށް އެއްވުމަށް ގޮވާލައި ފުލުހުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވެ، އަމަން އަމާންކަން ގެއްލޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން މިހެން ބުނެ ބަޔާނެއް ނެރެފައިވާއިރު އިދިކޮޅު އެމްޑީޕީން ވަނީ ސީދާ ހަރަކާތަށް މިއަދު ނުކުތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފައެވެ.