13 Feb 2011, 12:50
ރާމަﷲ : ފަލަސްތީނުގެ ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބުތައް އަންނަ ސެޕްޓެމްބަރ މަހުގެ ކުރިން ބާއްވާނެކަން ފަލަސްތީނުގެ ޒާތީ އިދާރާއިން ހާމަކޮށްފިއެވެ. ރައީސް މަޙްމޫދު ޢައްބާސްގެ މުސްތަޝާރު ޔާސިރު ޢަބްދު ރައްބޫ ވިދާޅުވިގޮތުގައި ފަލަސްތީނުގެ ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބުތައް އަންނަ ސެޕްޓެމްބަރ މަހުގެ ކުރިން ބޭއްވުމަށް ޒާތީ އިދާރާއިން މިހާރުވަނީ ނިންމާފައެވެ.
ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާހަކީ ރިޔާސީ ދައުރު ހަމަވެފައިވާތާ 2 އަހަރަށްވުރެވެސް ގިނަދުވަސް ވެފައިވާ ބޭފުޅެކެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަންެޖެހޭ މުއްދަތު މަިހާރުވަނީ ހަމަވެފައެވެ. ފަލަސްތީނުގައި އިންތިޚާބު ބޭއްވުމަށް ވާދަވެރި ޙަމާސް ޖަމާޢަތާއި ފަތްހު ޖަމާޢަތުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވަނީ ދެފަރާތުގެ ދެމެދުގައިވާ ޚިލާފްތައް ނައްތާލައި ޤައުމީ އެއްބައިވަންތަކަން ޤާއިމްކުރުމަށްފަހުގައެވެ. އެހެންކަމުން މިދެޖަމާއަތް ސުލްޙަވުމުގެ ކަންތައް ކޮޅެއްގައި ނުޖެހެނީސް އިންތިޚާބުތައް ބޭއްވުމަށް ޒާތީ އިދާރާއިން ނިންމުމުން ޙަމާސްއިން ވަނީ އެކަމަށް ފާޑުކިޔައި މިއިންތިޚާބުތަކުގައި ބައިވެރި ނުވާނެކަމަށް ބުނެފައެވެ.
ޙަމާސްއަކީ ޣައްޒާގައި ވެރިކަންކުރާ ޖަމާއަތެވެ. ޣައްޒާއަށް ފަލަސްތީނުގެ ޒާތީ އިދާރާގެ އެއްވެސް ބާރެއް ނޫނީ ކޮންޓްރޯލެއް ނުހިނގައެވެ. ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ރައްޔިތުން ދިރިއުޅެނީ ޣައްޒާގައެވެ. ޙަމާސްގެ ތަރްޖަމާން ވިދާޅުވީ ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަކަންނެތި އިންތިޚާބުތައް ބޭއްވުމުން އެކަމުން ރައްޔިތުންގެ މަަސްލަޙަތުގެއްލި ދާޚިލީ ބައިބައިވުން އިތުރަށް ބޮޑުވެގެންދާނެ ކަމުގައެވެ. އެހެންކަމުން އެއްފަރާތުގެ މަސްލަޙަތަށް ބަލައިގެން ބާއްވާ އިންތިޚާބުތަކަށް ޙަމާސްއިން އިޢްތިރާފް ނުވާނެ ނެކަމށް ޙަމާސްގެ ތަރްޖަމާން ވިދާޅުވިއެވެ. -- ބީބީސީ