11 Feb 2015, 15:53
ވޮޝިންޓަން (ފެބްރުއަރީ 11) : ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި ޔަމަންގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަށް އެ ގައުމުގެ ސިޔާސީ ގަޑުބަޑުތަކުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ބުނީ ޔަމަންގައި ހިނގަމުންދާ ސިޔާސީ ގަޑުބަޑުތަކުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް އެމެރިކާސިފައިން އެ ގައުމުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ހުރަސްއެޅި އެ ހަރަކާތްތަކުގެ ބޮޑުބައެއް ހުއްޓިފައިވާކަމުގަ އެވެ. ޔަމަންގައި ހިނގަމުންދާ ސިޔާސީ ގަޑުބަޑުތަކުގެ ސަބަބުން ޔަމަންގެ ސިފައިންގެ ފަރާތުން އެމެރިކާ އަށް އެއްބާރުލުން ނުލިބުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް އެމެރިކާ މިއަދު ވެސް ވަނީ ޔަމަނުގެ ދެކުނަށް ޑްރޯން ހަމަލާއެއްދީ ހަތަރު މީހުން މަރާލާފައިވެ އެވެ. މަރުވި ހަތަރު މީހުންނަކީ ހަނގުރާމަވެރިންކަން ނޫނީ ކުށެއްނެތް އާންމުންކަން ސާފުވެފައެއް ނުވެ އެވެ.
ޔަމަންގެ ހަނގުރާމަވެރި ސިޔާސީ ޖަމާއަތެއް ކަމަށްވާ ޙޫޘީ ޖަމާއަތުން އެގައުމުގެ ވެރިކަމުގެ ނިޒާމަށް އަތްގަދަކޮށް ވެރިކަން ކޮންޓްރޯލް ކުރަންފެށުމާ އެކު ރައީސް އަބްދުރައްބު މަންސޫރު ހާދީ އާއި ބޮޑުވަޒީރު ޚާލިދު ބަޙާޙް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މިކަމުގެ ސަބަބުން ޔަމަނަށް ރިޔާސީ ހުސްކަމެއް އައިސްފައިވާ އިރު އެގައުމުގެ ކަންކޮޅުތަކުގައި ހަމަނުޖެހުންތައް އިތުރުވެ މައިސަރުކާރުގެ ކޮންޓްރޯލް ވެސް ބައެއް ސަރަހައްދުތަކުން ވަނީ ގެއްލިފަ އެވެ. ޔަމަންގެ މިޙާލަތާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ވަނީ ވެރިރަށް ސަންޢާގައި ހުންނަ އެމެރިކާގެ އެންބަސީ އިއްޔެ ބަންދުކުރިކަން ކަށަވަރުކޮށްދީފަ އެވެ.
ޓެރަރިޒަމާ ދެކޮޅު ނަމުގައި އެމެރިކާ ޔަމަނަށ ދެމުން ގެންދާ ޙަމަލާތަކަކީ ވެސް މިނަމުގައި ޕާކިސްތާނަށް ދެމުންގެންދާ ފަދަ ހަރުކަށި އަދި އިންސާނިއްޔަތާ ޚިލާފު ޙަމަލާތަކެކެވެ. މީހުންގެ މެރުމުގެ ނިޔަތުގައި އެމެރިކާދޭ މިހަމަލާތަކަކީ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ބައިނަލްއަގްވާމީ ގާނޫނާ ބެހޭ ތަޖްރިބާކާރުން ވަނީ ސިފަކޮށްފަ އެވެ. ޓެރަރިޒަމާ ދެކޮޅު ނަމުގައި ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އެމެރިކާ ދެމުންގެންދާ ޙަމަލާތަކުގައި މަރަންވާ މީހުން ކަނޑައަޅަނީ ވެސް އަދި އެމީހުން މަރަނީ ވެސް އެމެރިކާ އެވެ.
އެހެންކަމުން އެމެރިކާ މަރާލާމީހުންގެ ފަނޑިޔާރަކީ ވެސް އަދި ޖައްލާދަކީ ވެސް އެމެރިކާ ކަމަށްވާތީ މިއީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފަށް އެމެރިކާ ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތުކުރެ އެވެ. ނަމަވެސް މިޖަރީމާތަކާ ގުޅިގެން އެމެރިކާގެ އެއްވެސް މަސްއޫލުވެރިއަކު ބައިނަލްއަގްވާމީ ކޯޓަކަށް ޙާޒިރު ކުރެވިފައެއްނުވެ އެވެ. އަދި އެމެރިކާގެ ޙަމަލާތަކުގައި މަރުވާ ޔަމަނުގެ ރައްޔިތުންނާއި ޕާކިސްތާން ރައްޔިތުންނަށް އިންސާފު ލިބޭނެގޮތެއްވެސް ނޯވެ އެވެ. (ނޫސްއެޖެންސީތައް)