11 Feb 2015, 15:27
ބެންގަލޫރުން މާލެ އައި ދެ ދިވެއްސެއްގެ އަތުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ އެވެ.
ކަސްޓަމްސް އިން ބުނީ އިއްޔެ މެންދުރުފަހު އިންޑިއަން އެއާލައިންސްގެ ފުލައިޓަކުން ބެނގަލޫރުން މާލެ އައި ދިވެހި އަންހެނަކާއި ދިވެހި ފިރިހެނެއްގެ ފޮށިތަންމަތި ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުމުން އެތަކެތި ކަސްޓަމްސް އިން އަތުލައިގަންފައިވާ ކަމަށެވެ.
އެތަކެތި ފެނިފައިވަނީ އުމުރުން 21 އަހަރުގެ އަންހެންމީހާގެ ފޮށި ތަންމަތި ކަސްޓަމްސްގެ އޮފިސަރުން ބަލައިފާސްކުރި އިރު، އޭނާގެ ދަބަހުގައި ހުރި ޑައެޓްރީ ފައިބަރ ދަޅުތަކެއްގެ ތެރެއިން ކަމަށް ކަސްޓަމްސް އިން ބުންޏެވެ
އެދަޅުތަކުގެ ތެރޭގައި ފޮރުވާފައިވާ ހަތަރު ޕެކެޓް ހެރޮއިންގެ ބަރުދަނުގައި 758 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ އަންހެންމީހާއާ އެކު އައި އުމުރުން 22 އަހަރުގެ ފިރިހެން މީހާގެ ފޮށީގައި ހުރި ޑައެޓްރީ ފައިބަރ ސަޕްލިމެންޓް ދަޅުފގެ ތެރެއިން ވެސް ހަތަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި ޕެކިނާއެކު 768 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ އެދެމީހުންގެ އަތުން ފެނުނު މަސްތުވާތަކެއްޗާއެކު ފުލުހުންނާ އެ ދެމީހުން ހަވާލުކޮށްފައިވާ ކަމަށެވެ.