11 Feb 2015, 15:23
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ދެބައިކުޅަ އެއްބައި ހިއްކާ ނިމިފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ފަރުކޮޅުފުށި (ކުރީގެ ކްލަބްމެޑް) ހިމެނޭ ގޮތަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދެވެ.
އެޗްޑީސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ 244 ހެކްޓަރުގެ ބިމުގެ ތެރެއިން މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް 87 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އެއީ ހިއްކުމަށް ބޭނުންވާ ސަރަހައްދުގެ 52.3 އިންސައްތަ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"މި މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ހަލުވި ކަމަށް ބަލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަަށުން ގާއިމްކުރުމަށް ހަމަޖެހިފައިވާ ރެސިޑެންސަލް އަދި ބައެއް ކޮމާޝަލް މަޝްރޫއުތައް މިއަހަރު ފަހުކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ،" އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ މާޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ހިއްކާ ސަރަހައްދުގައި ކަނޑު ތޮށި ލުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމުމަށް ކަނޑައެޅިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ހަމަޖައްސާފައި ވަނީ ކޮމާޝަލް އަދި ބިޒްނަސް ޑިސްޓްރިކްޓަކާއި ނޮލެޖް އަދި އައިޓީ ޕާކަކާއި ހެރިޓޭޖް އައިލެންޑްއަކާއި ޓުއަރިޒަމް އަށް ހާއްސަކުރެވޭ ސަރަހައްދަކާއި ވޯޓާ ސްޕޯޓްސް ސަރަހައްދަކާއި ޔޮޓް މެރީނާ އަދި ކްރޫޖް ޓާމިނަލްގެ އިތުރުން ރިކްރިއޭޝަނަލް އޭރިއާތައް ވެސް ހިމެނޭ ގޮތަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ.