11 Feb 2015, 15:17
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް މިއަހަރު ބާއްވާ ދެވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރާ ޓީމެއްގެ ގޮތުގައި އެފްއޭއެމުން ހަމަޖައްސައިފި އެވެ.
އެކަމާ ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެމުން އެފްއޭއެމްގެ މީޑިއާ ކޯޑިނޭޓާ ޝިމާޒް އަލީ ބުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމް ދެވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރާ ޓީމެއްގެ ގޮތުގައި ހަމަޖެއްސީ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަށް ހޯދަދިނުމުގެ ބޭނުމުގައި ކަމަށެވެ.
"19 އަހަރުން ދަށުގެ ޓީމް ދެވަނަ ޑިވިޝަންގައި ވާދަކުރާ ގޮތަށް އެފްއޭއެމުން ނިންމީ ކްލަބުތަކަށް ކުޅުމުގެ ފުރުސަތު އަދި ލިބިފައި ނުވާ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދަދޭން. އެއީ ކްލަބްތަކުން ޖާގަ ނުލިބި ތިބި ކުޅުންތެރިން ފުޓްބޯޅައާ ތަންކޮޅެއް ދުރުވާހެން ހީވާތީ އެފްއޭއެމުން ނިންމި ނިންމުމެއް،" ޝިމާޒް ބުންޏެވެ.
ޝިމާޒް ބުނީ އެ ނިންމުން އެފްއޭއެމުން ނިންމި ނަމަވެސް 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ތަމްރީނުތައް އަދި ފަށާފައި ނުވާކަމަށެވެ. އަދި ޓީމުގެ ތަމްރީނުތައް ފަށާނީ ލީގު ފެށެން ކައިރި ވުމުން ކަމަށްވެސް ޝިމާޒް ބުންޏެވެ.
"ޓީމުގެ ޕްރެކްޓިސްތައް ފަށާނީ ލީގު ފެށެން ކައިރިކޮށް، ޓީމަށް ކޯޗަކު ހަމަޖެއްސުމަށް ފަހު. އެކަން އަޅުގަނޑުމެން ކުރިއަށް އޮތްތާ މީޑިއާއާ ހިއްސާ ކުރާނަން،" ޝިމާޒް ބުންޏެވެ.
އެފްއޭއެމުން މިއަހަރުގެ ދެވަނަ ޑިވިޝަނުން ލީގަށް ކޮލިފައިވާ ޓީމްތައް ކޮލިފައިވާ ގޮތަށް ބަދަލު ގެނެސްފައި ވާއިރު، މިހާރު ދެވަނަ ޑިވިޝަންގެ ޗެންޕިއަން ލީގަށް ކޮލިފައި ވިނަމަވެސް، ރަނަރަޕް ޓީމާއި ލީގުގެ އެންމެ ފުލުގައި އޮންނަ ޓީމް ޖެހޭނީ ޕްލޭއޮފް މެޗެއް ކުޅޭށެވެ. ނަމަވެސް އެފްއޭއެމުން މައުލޫމާތު ދިން ގޮތުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމް ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދައިފި ނަމަ، ލީގަށް ކޮލިފައި ވާނީ ދެވަނަ ޑިވިޝަންގެ ދެވަނަ ޓީމެވެ. އަދި ޕްލޭއޮފް ކުޅެން ޖެހޭނީ ދެވަނަ ޑިވިޝަންގެ ތިންވަނަ ޓީމެވެ.
ރާއްޖެއިން ގައުމީ ޔޫތު ޓީމަކަށް ދެވަނަ ޑިވިޝަންގައި ކުޅުމުގެ ފުރުސަތު މިހާރު ދީފައި ވާއިރު، އޭޝިއާގައި މެލޭޝިއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް އެއީ ގެންގުޅޭ އުސޫލެކެވެ.