11 Feb 2015, 15:12
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ހައްޔަރުކުރުމަށް ނެރުނު އަމުރާއި ބަންދުގެ މުއްދަތު އިތުރު ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު 'ސަން' އަށް ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ މިއަދު ކަމަށާއި އެހެންނަމަވެސް މައްސަލަ ބަލައިގަތްކަމެއް އަދި އެ ކޯޓުން އަންގާފައިނުވާ ކަމަށެވެ.
ނާޒިމް ހައްޔަރުކުރުމުގެ އަމުރު ފުލުހުން ހޯދާފައި ވަނީ ސައްޚަނޫން މައުލޫމާތުތަކެއް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ. އަދި ފުލުހުންގެ އަމަލުތަކުން ނާޒިމަކީ ނުރައްކާތެރި ބޭފުޅެއްކަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނާޒިމް ހައްޔަރުކުރުމުގައި އަމަލުކުރި އިޖުރާއަތުތަކަކީ ގާނޫނީ ހަމަތަކާ ޚިލާފު އިޖުރާއަތުތަކެއް ކަމަށެވެ.
ފުލުހުންގެ ފަރާތުން އިއްޔެ ކްރިމިނަލް ކޯޓުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ނާޒިމް ހައްޔަރުކުރުމުގެ އަމުރު ހޯދަން ދިޔަ ފުލުސް އޮފިސަރަށް އެކަމުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލައި ފާސްކުރުމުގެ އަމުރު ހޯދަން ކޯޓަށް ދިޔައީ ވެރިން ވިދާޅުވެގެން ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު އިއްޔެ ކޯޓުގައި ވިދާޅުވެފައިވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް ފުލުހުން ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވާފައިވާއިރު، އެ ހާލަތުގައި އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދެންޖެހޭނީ ޕީޖީގެ ބަހެއް ހޯދައިގެން ކަމަށާއި އެހެންނަމަވެސް އެފަދަ ބަހެއް ހޯދާފައިނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.