ވީމީޑިއާގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިޓިކަލް އެފެއާޒު މުހައްމަދު އިކްރާމް އަބްދުއްލަތީފް ދަރަނި އަދާނުކޮށްގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ހުރިހާ ލިޔުންތަކެއް ސުޕްރީމް ކޯޓުން ގެންގޮސްފި އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ޝަމްއާ އިސްމާއީލް ސޮއިކުރައްވައި މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓަށް ފޮނުވި ސިޓީގައި، އިކްރާމްގެ ދަރަނީގެ މައްސަލައާ ގުޅޭ ހުރިހާ ލިޔުންތައް އެ ކޯޓަށް ފޮނުވައި ދިނުމަށް ވަނީ އަންގާފަ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަންގާފައި ވަނީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އިކްރާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ސިޓީގައި ވަނީ އިކުރާމް ހުށަހެޅި މައްސަލައިގެ މައްޗަށް ޝަރުއީ އަދި ގާނޫނީ ނަޒަރަކުން ބެލި އިރު، އެ ކޯޓުން ވަކިގޮތެއް އަންގަންދެން އިކްރާމްގެ ދަރަނީގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އެ ސިޓީއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުން އިކްރާމްގެ މައްޗަށް އިއްވި ހުކުމްގައި ވަނީ މ. ނަތީޖާ ގޯތި އިމަރާތްކުރުމަށް 18 އަހަރު ދުވަހުގެ މުއްދަތަށް އިކްރާމަށް ދީފައި ވަނިކޮށް، އެއްބަސްވުމާ ޚިލާފަށް ގޯތީގައި އިމާރާތްކޮށްފައި ވާތީ އާއި އަދި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާފައިނުވާ ކަމަށެވެ.

ކުރީގެ މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެ އެއްބަސްވުމާ އިކްރާމް ޚިލާފުވެފައިވާތީ އެ އެއްބަސްވުން ބާތިލްކޮށް، އެއްބަސްވުމުގައިވާ ގޮތުން މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާ ހަމައަށް 922،400 ރުފިޔާ އިކްރާމް މ. ނަތީޖާ އަޝްރާ އަލީ އާއި ޝިރުމީނާ އަލީ އަށް ދޭން ޖެހޭ ކަމަށް ކަނޑައަޅައި ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.