11 Feb 2015, 14:32
ހއ. ދިއްދޫގައި ޑެންގޫ ހުންފެތުރެމުންދާތީ ރައްޔިތުން ސަމާލުވެ، ސާފުތާހިރުކަމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އެ ރަށު ކައުންސިލުން އަންގައިފި އެވެ.
ދިއްދޫ ކައުންސިލް މިވަގުތު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިސްމާއީލު ނަސީރު މިއަދު 'ސަން' އަށް ވިދާޅުވީ އެ ރަށުގައި ދެކުއްޖަކު ޑެންގޫ ހުމަށް ޕޮސިޓޮވް ވެފައިވާ ކަމަށާއި އަދި ޑެންގޫ ހުންކަމަށް ޝައްކު ކުރެވޭ އެކަކު ހުރި ކަމަށެވެ.
ނަސީރު ވިދާޅުވީ މިދުވަސްވަރު މޫސުން ހުރި ގޮތުން ޑެންގޫ ހުންފެތުރުމަށް ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ. އަދި ރަށުގައި ސާފުތާހިރުކަން އާންމުގޮތެއްގައި ރަނގަޅުކަމަށާއި އެހެންނަމަވެސް ކުރިން މީހުން އުޅެ، މިހާރު ފަޅުވެފައިވާ ބައެއް ގޭގެ ސާފުނުކުރުމުގެ ސަބަބުން މަދިރި އާލާވުމުގެ ފުރުސަތު ބޮޑުކަމަށް ނަސީރު ވިދާޅުވި އެވެ.
"އަޅުގަނޑު އިލްތިމާސްކުރަން ރަށުގެ ރައްޔިތުންނަށް ސާފުތާހިރުކަމަށް ލޯބިކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ހޯދާ ނައްތާލަން. އަދި ޑެންގޫ ޖެހިދާނެ ކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރަން،" ނަސީރު ވިދާޅުވި އެވެ.
ޑެންގޫއަކީ މަދިރިން ފެތުރޭ ބައްޔެކެވެ. ޑެެންގޫ ހުން ޖެހުމުގެެ ސަބަބުން މީގެ ކުރިން ވެސް ރާއްޖޭގައި ވަނީ ގިނަ އަދަދެއްގެ ކުދިން މަރުވެފަ އެވެ. އެގޮތުން ޑެންގޫ ހުމުގެ ސަބަބުން ރާއްޖޭގައި އެންމެ ގިނަ އަދަދަކަަށް މީހުން މަރުވެފައި ވަނީ 2012 ވަނަ އަހަރު އެވެ.