ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭ ޓްރެވަލް އެވޯޑްސް "މަޓާޓޯ ޓުރެވަލް އޯވޯޑްސް" މި އަހަރުގެ ފަހުކޮޅު ބާއްވާ ގޮތަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް(މަޓާޓޯ) އިން ހަމަޖައްސައިފި އެވެ.
ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ތަމްސީލް ކުރާ ގައުމީ ޖަމްއިއްޔާ މަޓާޓޯ އިން އަހަރަކު އެއްފަހަރު ދިނުމަށް ނިންމާފައިވާ "މަޓާޓޯ ޓްރެވަލް އެވޯޑްސް" އިއުލާން ކޮށްފައި ވަނީ ރޭ އެ ޖަމްއިއްޔާ އިން ބޭއްވި އާންމު ބައްދަލުވުމެއްގަ އެވެ.

މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ނިންމާފައިވާ ރާއްޖޭގެ ޓްރެވަލް އެވޯޑުގެ މަގުސަދާ ގުޅޭ ގޮތުން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު މަލީހު މިއަދު ވިދާޅުވީ އެ އެވޯޑުގެ މަގުސަދަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ހިތްވަރުދީ އެމީހުންގެ ވިޔަފާރި އަށް އިތުރު ދިރުމެއް ހޯދައިދިނުން ކަމަށެވެ.

"މިއީ ދުނިޔޭގެ ބައެއް ޖަމްއިއްޔާތަކުން މިހާރު ވެސް ދެމުން އަންނަ އެވޯޑެއް. އަޅުގަނޑުމެންގެ މި އެވޯޑުގެ ސަބަބުން އަޅުގަނޑުމެންގެ އެޖެންޓުގެ ހިތްވަރު އިތުރަށް އާލާވެ، ވިޔަފާރި އަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ. މިއީ އޭގެ ފެށުން،" މަލީހު ވިދާޅުވި އެވެ.

ހާއްސަ ތިން ދާއިރާއަކުން ފާހަގަކޮށްލެވޭ އެވޯޑުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް މަޓާޓޯ އިން ބުންޏެވެ. އެގޮތުން އެ ޖަމިއްޔާ އިން ވަނީ ބެސްޓް ޓްރެވަލް އެޖެންސީ އާއި ބެސްޓް ޓުއާ އޮޕަރޭޓާ އަދި ދިވެހި އެޖެންޓުންނަށް އެންމެ ސަޕޯޓިވް ރިސޯޓުގެ އެވޯޑު ދިނުމަށް ނިންމައިފަ އެވެ. އަދި ހާއްސަ އެވޯޑެއްގެ ގޮތުގައި ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންނަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީ އެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރާ ފަރާތަކަށް ޕާސަން އޮފް ދަ އިޔާ ނޫނީ އަހަރުގެ ސަހުސިއްޔަތުގެ އެވޯޑް ދޭނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

މަލީހު ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް އެވޯޑު ނައިޓަކީ ވަރަށް ކުލަގަދަކޮށް ބާއްވާ ހަފްލާއަކަށް ވާނެ ކަމަށެވެ.

"ވަރަށް ގިނަ ގޮތްގޮތުން މި އެވޯޑް އެބަ ހާއްސަވޭ، އެއީ މިއީ ރާއްޖޭގައި ފުރަތަމަ ދެވޭ ޓްރެވަލް އެވޯޑް. އަދި ރާއްޖޭގެ ޖަމްއިއްޔާއަކުން މި އެވޯޑް މި ދެނީ،" މަލީހު ވިދާޅުވި އެވެ.