11 Feb 2015, 14:25
ގައުމީ ޔުނިވާސިޓީގެ އެދުމުގެ މަތިން އެކި މަރުހަލާތަކުގައި ބިންތައް ދީފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އެ ޔުނިވާސިޓީ އިން އިޖާބަ ދީފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓަރީ ހުސެއިން ފާއިޒް ވިދާޅުވީ އެ ހުރިހާ ބިމެއް ދީފައިވާ އިރު އެތަންތަނުގައި އިމާރާތްތައް އެޅުމަށް ސަރުކާރުގެ އެހީއަކަށް ޔުނިވާސިޓީ އިން އެދިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޔުނިވާސިޓީ އަށް އޮފީސް އިމާރާތެއް އެޅުމަށް 15997 އަކަފޫޓުގެ ބިމަކާއި ފެކަލްޓީ އޮފް ޝަރީޔާ އިން ލޯ ހިންގުމަށް 1440 އަކަފޫޓުގެ ބިމާއި ލައިބްރަރީއަކަށް 7998 އަކަފޫޓުގެ ބިމާއި އައިޓީ ބިން ބޮޑުކުރުމަށް 7790 އަކަފޫޓުގެ ބިމެއް އެކި މަރުހަލާތަކުގައި ދިނުމަށް ނިންމާފައިވާ އިރު ބާ ޖަމާލުއްދީގެ ބަދަލުގައި 3158 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމުމުން އެބިން ކުޑަވެގެން ޔުނިވާސިޓީ އިން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.
"ސަރުކާރުން ވަނީ ތަފާތު މަރުހަލާތަކުގައި ބިންތައް ދޫކުރެވި، އޮޕަޝަންތައް ވެސް ދެއްވާފައި. ނަމަވެސް މިއިގެން އެއްވެސް ކަމަކަށް އިޖާބައެއް ނުދެއްވާ،" ފާއިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބާ ޖަމާލުއްދީން ހުސްކުރުމަށް 2005 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެންގުމުން ވެސް އެކަމަށް އިޖާބަދީފައި ނުވާ އިރު މިދިޔަ އޮގަސްޓު މަހު ވެސް ތިން މަހުގެ ނޯޓިސް ދީފައިވާނެ ކަމަށެވެ. ސަރުކާރުން ބާ ޖަމާލުއްދީން ހުސްކުރަން އެދޭ ބޭނުމަކީ އެއީ ރައްކާތެރި އިމާރާތަކަށް ނުވުމުން ކުދިންނަށް ލިބިދާނެ ގެއްލުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބާ ޖަމާލުއްދީން ކުއްލިއަކަށް ހުސްކުރުމުން އެތައް ކުދިންއެއްގެ ކިޔެވުން ހުއްޓޭނެ ކަމަށް އެޔުނިވާސިޓީއިން ބުނާ އިރު އެ އިމާރާތް ހުސްކުރުމަށް ދީފައިވާ ހަތް ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމާއި ޖާގައިގެ ދަތިކަން ހައްލު ކުރަން މަޝްވަރާ ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް ފަހުގެ ނޯޓިސް އާ އެކު ޔުނިވާސިޓީ އިން އެކަމަށް އެދިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބުދުﷲ ޔާމީން މަތީ ތައުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ނަމަވެސް އެކަމުގައި އެމަނިކުފާން ބަރޯސާވަނީ ހަމައެކަނި ގައުމީ ޔުނިވާސިޓީއަށް ނޫން ކަމަށް ފާއިޒް ވިދާޅުވި އެވެ. އެގޮތުން މަތީ ތައުލީމް ފޯރުކޮށްދޭ އެހެން ތަންތަނަށް ވެސް ބިމުގެ ގޮތުން އެހީވުމަށް ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.