11 Feb 2015, 14:12
މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް އެއްޖިއްސުން ގުޅުން ހިންގި ކަމަށް އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިނާފު ކުރުމުން، އިސްތިއުނާފުގެ މަރުހަލާގައި ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ. މެލޭޝިޔާގެ އެންމެ މަތީ ކޯޓުން އަންވަރުގެ މައްޗަށް އެ ހުކުމް އިއްވީ އިއްޔެ އެވެ. އަދި އޭނާގެ މައްޗަށް ސާބިތު ހުކުމް އިއްްޔެ އިން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށައިފަ އެވެ.
އަންވަރު އިބްރާހީމަކީ ޒަމާންތަކެއް ވަންދެން މެލެޝިޔާގައި ވެރިކަން ކުރަމުން އަންނައަމްނޯ ޕާޓީ އަށް އޮތް އެންމެ ބޮޑު ޗެލެންޖެ އެވެ.
އަންވަރު އިސްތިނާފު ކުރި މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި، އަންވަރު ޖަލަށް ލުމަށް ހުކުމް ކުރުމުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހާއި އދ. އާއި އޮސްޓްރޭލިއާ އިން ބުނީ ކޯޓުގެ ހުކުމާ މެދު ވަރަށް ބޮޑަަށް މާޔޫސްވެފައިވާ ކަމަށެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ މެލޭޝިޔާގައި ހިޔާލުފާޅު ކުރުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.
ނުވަދިހައިގެ އަހަރުތަކުގައި މެލޭޝިޔާގައި އެންމެ ވިދަމުން އައި އަންވަރު އިބްރާހީމް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި ކަމަށް އޭނާގެ މައްޗަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެއީ އޭނާގެ ސިޔާސީ ހަޔާތަށް ނިމުން ގެނައުމަށް ކުރި ހުކުމެއް ކަމަށެވެ.
އަންވަރުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އަންވަރު ތިން ވަނަ ފަހަރަށް ޖަލަށް ލާ އިރު، ވެސް އޭނާ ހުންނާނީ އިސްއުފުލައިގެން މައްޗަށް ބަލައިގެން ކަމަށެވެ.
"އަހަރެންނަކީ މައުސޫމު މީހެއް،" އަންވަރު ވިދާޅުވި އެވެ.
މެލޭޝިޔާގެ މަތީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، މެލޭޝިޔާ އަކީ މިނިވަން އަދުލުއިންސާފުގެ ނިޒާމެއް އޮތް ގައުމެއް ކަމަށާއި ސަރުކާރުގެ މަތީ ފަންތީގެ މީހުންގެ މައްޗަށް ވެސް ހުކުމް އިއްވާފައިވާނެ ކަމަށެވެ.
އެމެރިކާ އިން ބުނީ އަންވަރުގެ މައްޗަށް ކުރި ހުކުމާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އަދި ބުނީ އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް އަންވަރުގެ މައްޗަށް ދައުވާ ކުރުމުން މެލޭޝިޔާގެ ޝަރުއީ ނިޒާމުގެ މިނިވަން ކަމާ ދޭތެރޭ ކަންބޮޑުވާ ކަމަށެވެ.
އަންވަރު ވިދާޅުވީ އޭނާގެ އިސްތިއުނާފު ބޮލާލާ ޖެހުމަކީ ސިޔާސީ މީހުން ޖަހާ ބެރަށް ޝަރުއީ ނިޒާމު ނަށާ ކަމުގެ މިސާލެއް ކަމަށެވެ.