11 Feb 2015, 14:05
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން މިމަހު ބާއްވަން ތާވަލް ކޮށްފައިވާ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ލ. ކުނަހަންދޫގައި ބާއްވަން ނިންމައިފި އެވެ.
ކްރިކެޓް ބޯޑުން ބުނެފައި ވަނީ އެ ނިންމުން ނިންމާފައި ވަނީ ފުވައްމުލަކުގެ އިތުރުން ރާއްޖޭގައި ކްރިކެޓްގެ އެންމެ ރަނގަޅު ޕްރޮގްރާމެއް ހިންގާ ރަށަކީ ކުނަހަންދޫ ކަމަށް ވާތީ އެވެ. ކުނަހަންދޫގައި ކްރިކެޓް ބޯޑުގެ ކޯޗް ލިރުގާމް ސައީދު ވޭތުވެދިޔަ އަހަރު އެ ރަށުގައި ރަނގަޅު ހަރަކާތްތަކެއް ހިންގާފައި ވަކަންވެސް ކްރިކެޓް ބޯޑުން ވަނީ ފާހަގަ ކޮށްފައެވެ.
ލ. ކުނަހަންދޫގައި ކްރިކެޓަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ކްރިކެޓް ބޯޑުން ވަނީ ހާމަ ކޮށްފަ އެވެ. އަދި އޭގެ އިތުރުން، އެ ރަށުގައި ފިރެހެން ކުދިންނަށް ވުރެ އަންހެން ކުދިން ކްރިކެޓް ކުޅެން މޮޅު ކަމަށްވެސް ކްރިކެޓް ބޯޑުން ވަނީ ބުނެފައެވެ.
ކްރިކެޓް ބޯޑުގެ އަހަރީ އާންމު ޖަލްސާ މިޙާރު ކުނަހަންދޫގައި ބާއްވަން ނިންމާފައި ވާއިރު، އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ކްލަބްތަކުގެ ރެޕްރެޒެންޓޭޓިވްސް އާއި އެހެނިހެން ފަރާތްތަކުގެ ދަތުރުގެ ކަންތައްތަކާއި އެކޮމޮޑޭޝަން ހަމަޖައްސަދޭން ނިންމާފައި ވަނީ ކްރިކެޓް ބޯޑުން ނެވެ.
އޭގެ އިތުރުން އެ ދަތުރުގެ ކަންކަން އިންތިޒާމް ކުރެވިގެން ދާނީ ލ. ކުނަހަންދޫ ރަށު ކައުންސިލްގެ އެހީތެރިކަމާއެކު ކަމަށްވެސް ކްރިކެޓް ބޯޑުން ވަނީ މައުލޫމާތު ދީފައެވެ.
ކްރިކެޓް ބޯޑުން އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 20 އަދި 21 ވަނަ ދުވަހު އެވެ. އެގޮތުން އެ ޖަލްސާގައި ބައިވެރިވާ ފަރާތްތައް މިމަހުގެ 20 ވަނަ ދުވަހު އެ ރަށަށް ދިޔުމަށް ކްރިކެޓް ބޯޑުން ހަމަޖައްސާފައި ވާއިރު، ޖަލްސާ ނިންމުމަށް ފަހު މާލެ އައުމަށް ހަމަޖައްސާފައި ވަނީ 21 ވަނަ ދުވަހުގެ މެންދުރު ފަހު އެވެ.