ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފުރޮޅުލީ ގޮނޑި އާއި އަސާ ފަދަތަކެތި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ހަދިޔާ ކޮށްދެއްވައިފި އެވެ.

މުލިއާގޭގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިސްއެބިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާން އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހިޝާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ހަދިޔާކޮށްދެއްވި ތަކެތި ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ އެތަކެތި ބެހިގެން ދާނީ "މިވަގުތު އެންމެ ގިނައިން ޝަކުވާ ހުށަހެޅުމުންދާ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް" ހިޝާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ މިދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަތޮޅު ތެރޭގައި ތިބި ކުދިންގެ ހާލަތު ދެނެގަތުން. އެއީ އެފަރާތްތަކަކީ ޝަކުވާ ކުރަން އަބަދުވެސް ސަރުކާރުގެ މުއައްސަސާތަކަށް ހިނގަންޖެހޭ ވުމަކީ އަދުގެ ސަރުކާރުން އެންމެ އެދޭ ގޮތެއް ނޫން. އެހެންވެ އެގޮތަށް އަޅުގަނޑުމެން ބޭނުންވަނީ އެފަރާތްތަކުގައި ހުރި ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުން. އެކުދިންގެ މާޔޫސްކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން،" ހިޝާން ވިދާޅުވި އެވެ.

ހިޝާން ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރުގައި އެރަށްތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރާނެ ކަމަށެވެ. އަދި ހަމައެއާއެކު އެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންނާ ހިއްސާކުރަމުންދާނެ ކަމަށެވެ.

"މިއީ އަދި ފެށުމެއް އިނގޭތޯ. އިރާދަކުރެއްވިއްޔާ މިކަމުގައި އެހެން ރަށްތަކަށް ވެސް އަޅުގަނޑުމެން ދާނަން. ނަމަވެސް މިހާރު އަޅުގަނޑުމެން މި ބަލަނީ އެންމެ ގިނައި އަޅުގަނޑުމެންނަށް ޝަކުވާ އަންނަ ރަށްތަކަށް ފުރަތަމަ ދެވޭތޯ. ނަމަވެސް މިދަންނަވަނީއެއް މުޅި ރާއްޖޭގައި މި މައްސަލަ ނެތެކޭ އެއް ނޫން. ހުރިހާ ސަރަހައްދެއްގައި ވެސް މައްސަލަ އެބަހުރި،" ހިޝާން ވިދާޅުވި އެވެ.

ހިޝާން ވިދާޅުވީ މީހުންނަށް އަޅާލާ އޯގާތެރިވުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ތަންފީޒު ކުރުމަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެން ދާނެ ކަމަށެވެ.

"މީގެކުރިން ސިޔާސަތުތައް ކަނޑައެޅިފައި ހުރީ ހަމަ އެކަނި އޮފީހުގެ ގޮނޑީގައި ތިއްބަވާ ފަރާތްތަކުން ބޭނުންފުޅުވާ ގޮތަށް. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތައް ބޭނުންވާ ގޮތަށް އެފަރާތްތަކުގެ ސިޔާސަތުތައް ތަންފީޒު ކުރުން. ބޭނުންވާ ގޮތްތައް ދެނެގަތުން. ރޭވުން. އެހެންވެ މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފައި. އެއީ ސިޔާސަތުތައް ހެދިފައި ހުރީ އެފަރާތްތަކުގެ ބޭނުންތައް އެނގިގެންނެއް ނޫން،" ހިޝާން ވިދާޅުވި އެވެ.

ހާލަތު ދެނެގަނެގެން ނޫނީ ކަމެއް ހައްލެއް ނުކުރެވޭނެ ކަމަށް ފާހަގަ ކުރައްވައި ހިޝާން ވިދާޅުވީ ނުކުޅެދުންތެރި ފަރާތްތަކުގެ ހާލަތު ދެނަގަތުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ހިޝާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ހަދިޔާ ކޮށްދެއްވި ތަކެތި ހިފައިގެން ރާއްޖޭގެ ރަށްތަކަށް ކުރާ ދަތުރުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން "ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެ" ކަމަށެވެ.

އެ ދަތުރުގައި ލ. ފޮނަދޫއާ ލ. ގަމުގެ އިތުރުން ލ. މައިބައިދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ހަދިޔާކޮށްދެއްވި ތަކެތި ހަވާކުރުމަށް ވަނީ ނިންމާފަ އެވެ.