މަތީ ތައުލީމަށް އޮތް ފުރުސަތުތައް ސަރުކާރުން ހަނިކުރަމުންދާ ކަމަށާއި އެކަމުގެ އަސަރު ގިނަ ދަރިވަރުންނަށް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމެޓީގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް ކިޔަވައިދޭ ސެންޓަރުތަކާއި މަރުކަޒުތައް އިތުރުވެ، މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ފުޅާކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ގައުމީ ޔުނިވާސިޓީން ދެ ފެކަލްޓީއެއް ހިންގަމުން އަންނަ ހ. ސޯސަންގެ އާއި ބާ ޖަމާލުއްދީން ހުސްކުރަން ސަރުކާރުން އެންގުމާއި މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރަން އެންގުމުން އެތަންތަނުން ކިޔަވާ ދަރިވަރުން ތިބީ ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައި ކަމަށް ޑރ. މުސްތަފާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިކަމުގެ ތެރެއަށް ދަރިވަރުން ވަނުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފެކަލްޓީ އޮފް އިންޖިއަރިން ޓެކްނޯލޮޖީ އާއި ފެކަލްޓީ އޮފް ސައިންސް ހިންގަމުން އަންނަ ހ. ސޯސަންގެ މިހާރު ފުލުހުން ހުސްކޮށް އެ ދެ ފެކަލްޓީގެ ކިޔެވުން ހުއްޓިފައިވާއިރު، ޔުނިވާސިޓީގެ ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ވެސް ހުސްކުރަން ހަތް ދުވަހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހު ހަމަވާނެ އެވެ.

އެކަމާ ގުޅިގެން ގައުމީ ޔުނިވާސިޓީން ބުނެފައިވަނީ، އެ ޔުނިވާސިޓީގެ ބައެއް ފެކަލްޓީތަކާއި، އިދާރީ ބައެއް މަސައްކަތްތަށް ކުރަމުން ގެންދާ ބާ ޖަމާލުއްދީނު ހުސްކުރުމުން ކުދިންގެ ކިޔެވުން ހުއްޓޭނެތީ ހިތާމަ ކުރާކަމަށްބުނެފަ އެވެ. އަދި ބާ ޖަމާލުއްދީން އިމާރާތުގައި ހިންގާ ފެކަލްޓީތަކާއި، އިދާރީ މަސައްކަތްތަށް ބަދަލުކުރާނެ އިމާރާތެއް ނެތި ތަން ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބާ ޖަމާލުއްދީން ހުސްކުރަން އަންގާފައިވަނީ އެތަން ބޮލަށް ވެއްޓި ބަޔަކަށް އަނިޔާވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އަދި އެތަން ހުސްކުރަން އެތައް ފަހަރެއްގެ މަތިން ޔުނިވާސިޓީއަށް އަންގައި، ނަމަވެސް އެއްބާރުލުން ދީފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ޔުނިވާސިޓީގެ ދަރިވަރުން ނެރުމަށްފަހު އެކުދިން ކިޔަވާނެ ތަނެއް ޔުނިވާސިޓީން ދައްކައިދޭންޖެހޭނެ ކަމަށާއި އެ ގާބިލްކަން ޔުނިވާސިޓީގައި ހުންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު އަދި ކުރީ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ ވިދާޅުވީ، މަތީ ތައުލީމަށް މި ސަރުކާރުން އިސްކަންދެއްވާ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ސަރުކާރުން ކަންތައް ކުރައްވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށް ވިދާޅުވެ، ޝިފާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާއިރު، އަދިވެސް ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމަނުވާ ކަމަށާއި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން މިދިޔަ މަހު ޓީޗަރުންނަށް ލިބުނު މުސާރަ ބޮޑުވެފައިނުވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

މީގެ އިތުރުން، ތަޖުރިބާ ހުރި ބައެއް ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުންގެ އިތުރުން ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ޓީޗަރުން ވެސް ތައުލީމީ ދާއިރާއިން ވަކިކޮށް ފޮނުވާލަމުންދާއިރު ބައެއް ބޭފުޅުންގެ މަގާމު ގެއްލެން ކައިރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ފެންވަރު ނެތް ޓީޗަރުންނަށް ޑިޕްލޮމާ އާއި ފެންވަރަށް ކިޔެވޭނެ ފުރުސަތު ލުއިފަސޭހަ ގޮތަކަށް ހަމަޖައްސައިދީފައިނުވާ ކަމަށެވެ.

"ޑިޕްލޮމާ ހަދަން މަޖުބޫރު ކުރުވާފަ. 30 ގަޑި ނަގަން މަޖުބޫރު ކުރުވާފަ، އާ މަންހަޖަށް ކިޔަވައިދެމުން ކިހިނެއްތޯ ލުއިގޮތަކަށް ތިބެގެން ޓީޗަރުން ކިޔަވާނީ،" ޝިފާ ވިދާޅުވި އެވެ.