މެލޭޝިއާ ސަރުކާރަށާއި އެގައުމުގައި އަމަލުކުރަމުން އަންނަ ގާނޫނަކަށް އަމަލުކުރަމުން އަންނަ ގާނޫނަކަށް ފާޑުކިއުމާ ގުޅިގެން މަޝްހޫރު ކާޓޫނިސްޓަކު އެގައުމުގެ ސަރުކާރުން ހައްޔަރުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ މަޝްހޫރު ކާޓޫނިސްޓެއް ކަމަށްވާ ޒުލްކިލްފްލި އަންވަރު އަލް ހައްގު (ޒުނާރު) ހައްޔަރުކުރީ 1948 ވަނަ އަހަރުން ފެށިގެން މެލޭޝިއާގައި އަމަލުކުރަމުން އަންނަ ދައުލަތާ ދެކޮޅު އަމަލެއް ހިންގުން މަނާކުރާ ގާނޫނުގެ ދަށުން ކަމަށެވެ.

މެލޭޝިއާ ފުލުހުންގެ ވެރިޔާ ޚާލިދު އަބޫ ބަކްރު ވިދާޅުވި ކަމަށް އެނޫހުން ބުނީ ޒުނާރު ހައްޔަރުކުރީ އެގައުމުގެ އިދިކޮޅު ލީޑަރު އަންވަރު އިބުރާހީމްގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމަކަށް މަތީ ކޯޓުން ތާއީދުކޮށް ކުރި ހުކުމަށް ސޯޝަލް މީޑިއާގައި ފާޑުކިއުމުން ކަމަށެވެ.

އެގޮތުން އޭނާ ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ "ކަޅު ކޯޓު ލައިގެން ތިބޭ އަޅުން( ފަނޑިޔާރުން) ތިބީ އެމީހުން ކުރި ހުކުމާ މެދު ފަހުރުވެފައި" ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ކަމަށް ބުނެ އަންނަވަރު އިބުރާހީމްގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމަށް މަތީ ކޯޓުން ތާއީދުކުރުމުން އޭނާ މިހާރު ވަނީ ޖަލަށްލާފަ އެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކީ ބައެއް ސިޔާސީ ލީޑަރުން ވަނީ ދައުލަތާ ދެކޮޅު އަމަލެއް ހިންގުން މަނާކުރާ ގާނޫނުގެ ދަށުން ހައްޔަރުކޮށްފަ އެވެ.

އުމުރުން 67 އަހަރުގެ އަންވަރު އިބުރާހީމްއަށް އިއްވި ހުކުމާ ގުޅިގެން ސިޔާސީ ކަންކަމުގައި ބައިވެރިވުން އޭނާއަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް މަނާވާނެ އެވެ.