އެކަކު އަނެކަކަށް އެހީވުމުގެ ރޫހު އާލާކުރަންޖެހޭ ކަމަށާއި އެހެން މީހުންނަށް ހިދުމަތްކުރަން ދަސްނުވާހާ ހިނދަކު ހިތްހަމެޖެހުމެއް ނުލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އަމީނިއްޔާ ސްކޫލުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މަގާމް ހަވާލުކުރުމަށް މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުން ފެށިގެން ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން، އެކަމުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ޝަހްޝިއްޔަތު ބިނާ ކުރުމަށާއި އެހެން ކުދިންނާ ގުޅިގެން މަސައްކަތް ކުރުމަށް ދަސްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"...އެހެން މީހުންނަށް ހިދުމަތް ކުރަން ދަސްނުވާހާ ހިނދަކު، ހިތްހަމަޖެހުމެއް ނުލިބޭނެ. ހިތްހަމަޖެހުން ލިބޭނީ އަޅުނގަޑުމެންނަށް ވުރެއް އެހެން މީހުން މުހިއްމުވާ ދުވަހަކުން. އަޅުނގަޑުމެންގެ ސަބަބުން އެހެން މީހެއްގެ ދިރިއުޅުން ފަސޭހަވެ، އެހެން މީހެއްގެ ދިރިއުޅުން ހެޔޮ ކަމެއް ލިބޭ ދުވަހަކުން،" މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ސްކޫލު ދައުރުގައި ލިބޭ ރަހުމަތްތެރިންގެ މުހިއްމުކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ދިރިއުޅުމުގެ ކޮންމެ ވެސް ހިސާބަކުން ރައްޓެއްސެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި އެ ރަހްމަތްތެރިއަކާ އޮންނަ ގުޅުން ދަމަހައްޓަން ބޭނުންވާނަމަ ދެ ރަހްމަތްތެރިންގެ ދެމެދުގައި ހެޔޮކަން ބާއްވައި، ހިތްހަމަނުޖެހޭ ކަންތައްތަކުގައި ދެމީހުން ގޮތްދޫކުރުމަށް ވިދާޅުވެ މިނިސްޓަރު ވަނީ ދަރިވަރުންނަށް ނަސޭހަތެރިވެވަޑައިގެންފަ އެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ކާމިޔާބީ ހާސިލް ވާނީ ބުރަ މަސައްކަތުން ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ މަސައްކަތެއްގައި ވެސް ދަތިތަކަކާއި ކުރިމަތިވާނެ ކަމަށާއި ނަމަވެސް އެ މަސައްކަތުގައި ދެމިހުންނަންޖެހޭނެ ކަމަށެވެ.

މިއަދު އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އަމީނިއްޔާ ސްކޫލުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މަގާމް ހަވާލުކުރުމުގެ އިތުރުން ކޮންމެ އަހަރަކު އެ ސްކޫލުން ދެމުން އަންނަ މުހައްމަދު އަމީން ދީދީ ސްކޮލޮޝިޕް އެވޯޑް ވެސް ހަވާލުކޮށްފައިވެ އެވެ.