އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު އެޗްއާރްސީއެމްގެ ތަހުގީގުގައި ބުނެފަވާކަން "ސަން"އަށް އެނގިއްޖެ އެވެ.

މިދިޔަ މަހު 28 ވަނަ ދުވަހު ވ. ރަކީދޫ، މެރިންކޯނާގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އިބްތިހާލުގެ މަރާ ގުޅިގެން އެޗްއާރްސީއެމް ކުރިއަށް ގެންދާ ތަހުގީގަށް އާފިޔާ ބަޔާން ދީފައި ވަނީ އިއްޔެ އެވެ. ފުލުހުންގެ ބަންދުގައި ހުރި އާފިޔާ އެ ބަޔާން ދީފައި ވަނީ އެޗްއާރްސީއެމަށް ހާޒިރުވެ އެވެ.

އިބްތިހާލަށް އަނިޔާ ކުރި ކަމަށް އާފިޔާ އެޗްއާރްސީއެމްގެ ތަހުގީގުގައި އެއްބަސްވެފައިވާ އިރު، އޭނާ އެ ކޮމިޝަނަށް ދިން ބަޔާނުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެޗްއާރްސީއެމްގެ އިންފޮމޭޝަން އޮފިސަރު ހައްވާ ވަޖުދާ ގާސިމް ވިދާޅުވީ އިބްތިހާލުގެ މަރުގެ ތަހުގީގު އެ ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށާއި ތަހުގީގާ ބެހޭ މައުލޫމާތު ހާމަކުރެވޭނީ ތަހުގީގު ނިމުމުން ކަމަށެވެ.

އިބްތިހާލުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރުސީއެމަށް އަންގާފައި ވަނީ ޕީޖީ އޮފީހުންނެވެ.

ވަޖުދާ ވިދާޅުވީ އިބްތިހާލުމުގެ މަރުގެ ތަހުގީގު ކުރިއަށް ގެންދަން ޕީޖީ އޮފީހުން އެ ކޮމިޝަނަށް އެންގުމުގެ ކުރިން ވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިބްތިލާހުގެ އަނިޔާވެރި މަރުގެ މައްސަލަ ފެންމަތިވުމުގެ ކުރިން، އާފިޔާ، އިބްތިލާހަށް އަނިޔާ ކުރާ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ރަށު ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ. ޖެންޑާ އިން ބުނެފައި ވަނީ އިބްތިހާލުގެ މައްސަލަ ހުށަހެޅުމާއެކު އޭނާ ރައްކާތެރި މާހައުލެއްގައި ހުރިކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ކަމަށެވެ.

އިބްތިހާލަށް އަނިޔާކޮށް މަރާލިކަމުގެ ތުހުމަތުގައި އާފިޔާ ވަނީ ތަހުގީގަށް ބަންދުކޮށް 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.