ޕޮލިސް ކޮންސްޓަބަލް މިސްބާހު އަބްދުﷲގެ ގައިގައި ޖެހި އެކްސިޑެންޓްވި ސައިކަލް ދުއްވަންއިން ހުސައިން އަފީފުގެ ލައިސަންސް 10 އަހަރަށް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޕޮލިސް ކޮންސްޓަބަލް ބ. ހިތާދޫ ނަސީމީގޭ މިސްބާހު އަބްދުﷲގެ ގައިގައި ޖެހި އެކްސިޑެންޓުވި ސައިކަލް ދުއްވަންއިން ށ. ފޯކައިދޫ އަރާމްގޭ ހުސައިން އަފީފްގެ މައްޗަށް ދައުލަތުން ކުރީ އިންޖީނުލީ އުޅަނދެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދައުވާ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު 3:56 އެހައިކަންހާ އިރު އެވެ. މިސްބާހުގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވެފައި ވަނީ ބޮޑުތަކުރުފާނުމަގު އެއްނަންބަރު ޖެޓީ ކައިރީގައި ޓްރެފިކް ޕޮލިހެއްގެ ހައިސިއްޔަތުން ޑިއުޓީ އަދާކުރަމުންދަނިކޮށެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އެ ދުވަހުގެ ހެނދުނު މިސްބާހު ވަނީ މަރުވެފަ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ ހުސައިން އަފީފް ދުއްވި ސައިކަލް މިސްބާހުގެ ގައިގައި ޖެހުނު ކަމާއި އަދި އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މިސްބާހު މަރުވެފައިވާކަން ހެކީންގެ ހެކިބަހުންނާއި ޑޮކްޓަރުގެ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

އެ ހުކުމްގައި ވަނީ މިސްބާހުގެ ވާރިސުންގެ ބަހަށް ބަލާ އިރު އެކަމަކީ ހުސައިން އަފީފް ގަސްދުގައި ކުރި ކަމެއް ކަމަށް ބުނެ، މަރުގެ ދިޔައާ މެދު ވަކިއެއްޗެއް ބުނެފައިނުވާ ކަމަށެވެ. އަދި މަރުގެ ދިޔައާ މެދު ދައުވާކުރަން ބޭނުންވެއްޖެ ނަމަ އެ ހައްގު މިސްބާހުގެ ވާރިސުންނަށް ލިބިގެންވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ބަލާ އިރު، އެކަމަކީ ހުސައިން އަފީފް ގަސްދުގައި ކުރި ކަމެއްކަމަށް ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށަށް ދައުވާ ނުކުރީ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.