ދެ މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ރ. އަތޮޅު މާކުރަތު ދޯޏެއް ދިޔަވެ އަޑިއަށް ދިއުމުގެ ސަބަބުން އެދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައިވަނިކޮށް ފުލުހުން އެމީހުން ސަލާމަތްކޮށްފި އެވެ.

ރ. އުގޫފާރު ޕޮލިސް ސްޓޭޝަންގެ ލޯންޗަށް އެ ދެ މީހުން ކަނޑުވެފައި ތިއްބާ ފެނިފައި ވަނީ އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ކަންދޫގެ އިރުދެކުނު ފަރާތު ކަނޑުން 2.5 މޭލު ބޭރުން ރޭ 10:45 ހާކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ދެ މީހުން ފެނުނީ ސަލާމަތްކޮށްދިނުމަށް އެދި އެދެމީހުންގެ އަތުގައި އޮތް ބައްތިއަކުން އަލިކުރަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެދެމީހުން ކަނޑުވީ އެއަތޮޅު މާނަންފުށިން ފަން ހޮވައިގެން މާކުރަތަށް އެނބުރިދިޔަ މަގުމަތީގައި އިއްޔެ 18:00 ހާއިރު ކަމަށް މިހާތަނަށް ވަނީ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެމީހުން ދަތުރުކުރީ ރ. މާކުރަތު ރިންމަސް ނަމަކަށް ކިޔާ 9 ރިޔަނުގެ އައުޓްބޯޑް އިންޖީނު އެޅި ދޯންޏެއްގައި ކަމަށާއި ދޯނި ދަތުރުކުރަމުންގޮސް އުނގޫފާރުގެ ހުޅަނގުން 400 ވަރަކަށް ފޫޓް ބޭރުން ކުއްލިއަކަށް ދޯނި ދިޔަވެ އެކީ އަޑިއަށް ދިޔައީކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އޮއިވަރު ހުރިގޮތުން ފަތާފައި އުނގޫފާރަށް އެރޭގޮތް ނުވީކަމަށް ވެސް އެ ދެ މީހުން ވަނީ މަޢުލޫމާތު ދީފައި ކަމަށް ފުލުހުން ބުނެ އެވެ.

ޕޮލިސް ލޯންޗް ކަނޑަށް ނުކުމެ އުޅުނީ އެއަތޮޅުން މަހަށް ގޮސް އުޅުނު ދޯންނެއް ޚަބަރެއް ނުވެގެން ފުލުހުންނަށް އަންގާފައި ވާތީ އެދޯނި ހޯދުމުގެ މަސައްކަތް ކުރުމަށެވެ. އަދި ފުލުހުންނަށް އެ ދެ މީހުން ކަނޑުވެފައި ތިއްބާ ފެނިފައި ވަނި މަހަށް ނުކުމެ ޚަބަރެއް ނުވި ދޯނި ސަލާމަތުން އެނބުރި ރަށަށް ދިޔަކަމަށް މަޢުލޫމާތު ލިބުމާއި ގުޅިގެން އެނބުރި އުނގޫފާރަށް ދަނިކޮށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ދެ މީހުންނަކީ ވެސް ރ. މާކުރަތު ދެ މީހުންނެވެ. ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށްވާތީ އެދެމީހުން މިހާރު ވަނީ މާކުރަތަށް ގެންގޮސްދީފައި ކަމަށް ފުލުހުން ބުނެ އެވެ.