11 Feb 2015, 10:52
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެއިސެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އާސެނަލް މެންޗެސްޓާ ޔުނައިޓަޑް ވައްޓާލުމަށް ފަހު ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ. އަދި ޓޮޓަންހެމްއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލިވަޕޫލް ވެސް ގަދަ ހަތަރަކާ ގާތަށް ވަނީ ޖެހިލައިފަ އެވެ.
ރޭގެ ކާމިޔާބީއާއެކު އާސެނަލް ވަނީ ޖުމްލަ 45 ޕޮއިންޓު ހޯދާފަ އެވެ. ތާވަލްގެ ތިންވަނައިގައި އޮތް ސައުތޭމްޕްޓަނަށް ވެސް 45 ޕޮއިންޓް ލިބިފައި ވާއިރު، ސައުތޭމްޕްޓަން ތާވަލްގެ ތިނަ ވަނަ ހާސިލް ކޮށްފައި ވަނީ އާސެނަލް އަށްވުރެ ފައިދާ ތިން ލަނޑު އިތުރަށް ލިބިފައި ވުމުންނެވެ. ޔުނައިޓަޑް ލީގުގައި އެންމެ ފަހުން ވެސްޓްހޭމްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވުމުން، އެ ޓީމް ވަނީ 44 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ވެއްޓިފަ އެވެ.
ހަމަ އެއާއެކު ރޭ ލިވަޕޫލް ކުޅުނު މެޗު ކާމިޔާބު ކުރުމުން، އެ ޓީމަށް މިހާރު ވަނީ މުޅިއަކު 42 ޕޮއިންޓު ލިބިފަ އެވެ. ނަމަވެސް އެ ޓީމަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދާފައިވާ ޓޮޓަންހެމް އަދިވެސް އޮތީ ތާވަލްގައި އެއް ދަރަޖަ ކުރީގަ އެވެ. ލިވަޕޫލް މިހާރު ތާވަލްގެ ހަތް ވަނައިގައި އޮތް އިރު، ހަ ވަނައިގައި ޓޮޓަންހެމް އޮތީ 43 ޕޮއިންޓާއެކު އެވެ.
ރޭ ލިވަޕޫލް އާއި ޓޮޓަންހެމް ބައްދަލުކުރި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ވަނީ ޓޮޓަންހެމްގެ ފަރާތުންނެވެ. ނަމަވެސް މެޗުގެ 15 ވަނަ މިނެޓުގައި ލަޒާ މާކޮވިކް ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ލީޑު ފުރަތަމަ ނެގީ ލިވަޕޫލް އެވެ. ޓޮޓަންހެމްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ 25 ވަނަ މިނެޓުގައި ހެރީ ކޭން އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފްގެ ފަހު ކޮޅު ލިވަޕޫލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް، އެ ޓީމަށް ވަނީ އެ ހާފްގައި ކުރި ހޯދޭ ގޮތް ނުވެފައެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފް ފެށިތާ އަށް މިނެޓުތެރޭ ލިވަޕޫލް އަނެއްކާވެސް ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ސްޓީވަން ޖެރާޑް އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗުގެ ލީޑް ލިވަޕޫލަށް ލިބުމުން ޓޮޓަންހެމް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭތޯ ކުރިއަށް ޖެހިލައި ރަނގަޅު ހަމަލާތަކެއް ލިވަޕޫލްގެ ގޯލަށް އުފައްދާފަ އެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި މޫސާ ޑެމްބެލޭ ކާމިޔާބު ކުރި ލަނޑާއެކު ފެނިގެން ދިޔައީ އަނެއްކާވެސް ޓޮޓަންހެމް ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކުރި ތަނެވެ.
މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ހޯދަދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާރިއޯ ބަލެޓޮލީ 83 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑާއެކު އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅު ލިވަޕޫލް ޑިފެންސަށް އިސްކަން ދީގެން ކުޅުމުން ޓޮޓަންހެމްއަށް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ.
ލިވަޕޫލް މެޗާ ހިލާފަށް ރޭ އާސެނަލް ކުޅުނު މެޗުގެ ފުރަތަމަ ހާފް އެ ޓީމުން ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކު އެވެ. މެޗުގެ 27 ވަނަ މިނެޓުގައި ކޮޝިއެލްނީ އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އިރު، ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ތިއޯ ވޮލްކޮޓް ކާމިޔާބު ކުރި ލަނޑާއެކު އާސެނަލް ވަނީ ލީޑު ފުޅާ ކޮށްލާފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި އާސެނަލް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދެ ވަނަ ހާފްގައި ލެއިސެސްޓާ ވެސް ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. އަދި 61 ވަނަ މިނެޓުގައި ކްރަމަރިޗް ލެއިސެސްޓާއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ، ނަތީޖާގެ ފަރަގު ކުޑަކޮށްދިން އިރު، އެ ޓީމް ވަނީ އެ ހާފްގައި އާސެނަލްގެ ގޯލަށް ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެ ޓީމަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތް ނުވެފައެވެ.