މާލެ ޖަލަށް ފޯނެއް ވެއްދި ޖަލު އޮފިސަރެއް ތިން މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ 2011ވަނަ އަހަރުގެ އޯގަސްޓު މަހުގެ 17ވަނަ ދުވަހުގެ ރޭ ޑިއުޓީ އޮފިސަރެއް ކަަމަށްވާ ގދ. ގައްދޫ މައިމަތިގެ މުހައްމަދު ގާސިމް މާލެ ޖަލުގެ ތިން ނަންބަރު ގޮޅީގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ އަތަށް ފޯނެއް ދީފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

ދައުލަތުން މުހައްމަދު ގާސިމްގެ މައްޗަށް ހުށަހެޅި ހެއްކާއި ގަރީނާތައް އޭނާގެ މައްޗަށް ސާބިތުވުމުން ކްރިމިނިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެއީ މުހައްމަދު ގާސިމްގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށެވެ.

"ހުކުމް ފަސްކުރުމުގެ ގަވާއިދުގެ 3 ވަނަ ނަންބަރާއި ހަވާލާދީ މި ހުކުމް މިއަދުން (201/02/09) ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މުހައްމަދު ގާސިމް ކުށެއް ނުކޮށް ހުރެއްޖެނަމަ ފަހުން ވެސް މި ހުކުމް ތަންފީޒު ނުކުރެވޭނެ ކަމަށާއި ހުކުމް ތަންފީޒު ކުރަން މި ފަސްކުރި މުއްދަތުގެ ތެރޭގައި މުހައްމަދު ގާސިމް ކުށެއް ކުރިކަން ސާބިތުވެއްޖެނަމަ މި ހުކުމް ތަންފީޒު ކުރެވޭނެކަން އަންގަމެވެ." ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.