11 Feb 2015, 10:41
ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މުހައްމަދު އަމީން ދީދީގެ ހަނދާނުގައި އަމީނިއްޔާ ސްކޫލުން ދެމުން އަންނަ މުހައްމަދު އަމީން ދީދީ ސްކޮލޮޝިޕް އެވޯޑް މިއަހަރު ބ. އޭދަފުށީ، ދެވިނާގޭ، އައިޝަތު ހަނާން އަށް ލިބިއްޖެ އެވެ.
އަމީން ދީދީ ސްކޮލޮޝިޕަކީ އަމީނިއްޔާ ސްކޫލުގެ ރަންޔޫބިލް ހަރަކާތާއި ގުޅިގެން އުފައްދާފައިވާ ޓްރަސްޓް ފަންޑުގެ ދަށުން މީގެ 20 އަހަރު ކުރިއްސުރެއް ފެށިގެން ދެމުން އަންނަ އެ ސްކޮލޮޝިޕެކެވެ.

މުހައްމަދު އަމީން ސްކޮލޮޝިޕަކީ، އަތޮޅުތަކުގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމުމަށް ފަހު ސާނަވީ ތައުލީމު ހާސިލްކުރުމަށް އަމީނިއްޔާ ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން އެ ސްކޮލާޝިޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނަގާ ޓެސްޓަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށްދޭ ސްކޮލޮޝިޕެކެވެ.
އެ ސްކޮލޮޝިޕްގެ ދަށުން ކުއްޖެއްގެ އޯލެވެލް އިމްތިހާނު ނިމެންދެން ކިޔެވުމުގެ ހުރިހާ ހަރަދެއް އަމީނިއްޔާ ސްކޫލުން ބަލަހައްޓާނެ އެވެ. އަދި އެ ދަރިވަރަކަށް ސްކޫލް ނިމެންދެން ކޮންމެ މަހަކަު ޕޮކެޓް މަނީ އެއްވެސް ދެއެވެ.
އަމީން ދީދީ ސްކޮލޮޝިޕް އެވޯޑް މިދިޔަ އަހަރު ހާސިލް ކުރީ، ހއ. ދިއްދޫ ސަނދުބަރަކާގެ އައިމިނަތު ސަމާހާ އެވެ.

އެގޮތުން މިއަހަރު ސްކޫލުގެ ކެޕްޓަނަކަށް ހޮވިފައިވަނީ، އައިމިނަތު އިބާނާ ޝާހިދެވެ. އަދި ޑެޕިއުޓީ ސްކޫލް ކެޕްޓަނަކަށް ހޮވިފައިވަނީ ނަފްހާ ނަސްރުﷲ އެވެ. މީގެ އިތުރުން ސްކޫލް ކްލަބްތަކާއި ހައުސްތަކުގެ އިސް މަގާމްތަކަށް ހޮވުނު ދަރިވަރުންނަށާއި އިތުރު ހަރަކާތްތަކުގެ އިސް ދަރިވަރުންނަށް ހޮވުނު ދަރިވަރުންނަށް ވަނީ މަގާމް ހަވާލުކޮށްފަ އެވެ.