11 Feb 2015, 10:21
ގައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރަމުންދާ ހުރިހާ ދަރިވަރުން ފީ ނުދައްކާ ލިސްޓަށް އޮޅުމަކުން ލެވިއްޖެ އެވެ. ޔުނިވާސިޓީގެ ހުރިހާ ދަރިވަރުން މިހާރު ވަނީ ސްޓޮޕް ލިސްޓަށް އަރާފަ އެވެ.
ސްޓޮޕްޓް ލިސްޓަކީ ފީ ނުދައްކާ ކުދިންގެ ކެޓަގަރީއެކެވެ. ނަމަވެސް އަލަށް ކިޔެވުން ފެށުމާއެކު ފީ ދައްކާފައިވާ ދަރިވަރުންނާއި އަލަށް ގުޅުނު ދަރިވަރުން ވެސް ވަނީ ސްޓޮޕް ލިސްޓުގައި ހިމަނާފަ އެވެ. ސްޓޮޕް ލިސްޓަށްލުމުން ކުދިންނަށް އަލަށް ރަޖިސްޓުރީވުމުގެ ފުރުސަތު ގެއްލެއެވެ.
އެކަމާ ގުޅިގެން ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އެކެޑެމިކް އެފެއާޒް އަލީ ޝަރީފް މިއަދު "ސަން"އަށް ވިދާޅުވީ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުން ސްޓޮޕްލިސްޓަށް "ލެވިފައިވަނީ" ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން ހައްލުކުރުމަށް ދަރިވަރުން ފީ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަހަރު ދިމާވި ޓެކްނިކަލް އެރޯއެއް އެއީ، މި ވީގޮތަކީ މިފަހަރުގެ ޓާމް ފެށިފައި އޮށްވައި، އަޅުގަނޑުމެންގެ މުއައްޒަފަކަށް ސުޓޮޕްލިސްޓު ރަން ކުރެވުނީ،" އަލީ ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެން މިޓާމަކު ސުޓޮޕްލިސްޓެއް ނުހިންގާނެ ކަމަށާއި މިހާރު ދަރިވަރުން ދައްކަން ހުރި ފީ ދެއްކުމުން އެ ލިސްޓުން ކެނޑޭނެ ކަމަށެވެ. އެކަން އެހެން ދިމާވުމުން ހުރިހާ ކުދިންގެ ފީގެ ކަންތަކާއި ރަޖިސްޓުރީގެ ކަންކަން ކުރުމަށް އިތުރު ހަ ހަފްތާގެ މުއްދަތެއް އިތުރުކޮށްފައިވާ ކަމަށެވެ.
"މިހާރު ދައްކަން ހުރި ހުރިހާ ފީއެއް ދައްކާ ނިމުނީމަ އެކުދިން ސުޓޮޕް ލިސްޓުން ނެގޭނެ، ދެން އެ ކުދިން ދައްކާފައި ހުރި ފީތައް ދެން އެ ކުދިން އަލަށް ރަޖިސްޓުރީ ކުރާއިރު އިތުރު ދެމާއްދާއަކަށް ކޮށްފައި ޓާމަށް އެއްކޮށް ރަޖިސްޓުރީކޮށްފައިވާކަމުގައިވާނަމަ، އެ ކުދިން ކުރީގެ ދެ މާއްދާއަކަށް ފީ ދައްކާކަށް ނުޖެހޭނެ،" ޝަރީފް މިއަދު ވިދާޅުވި އެވެ.