11 Feb 2015, 09:35
ނިއުދިއްލީ (ފެބްރުއަރީ 11): އިންޑިޔާގެ ދިއްލީ ސްޓޭޓްގައި ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބު ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ބީޖޭޕީ ލަދުވެތި ގޮތަކަށް ބަލިވެ ވަރަށް ބޮޑު ތަފާތަކުން "އާމްއާދްމީ" ޕާޓީ ކާމިޔާބުކޮށްފި އެވެ.
ދިއްލީގެ ލޯކަލް ކައުންސިލުގައި ހިމެނޭ 70 ގޮނޑީގެ ތެރެއިން 67 ގޮނޑި ކާމިޔާބުކުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ އުސޫލުތަކެއް އިޢްލާންކުރައްވާފައިވާ އާވިންދް ކެގްރަވާލްގެ ޕާޓީ ކަމަށްވާ "އާމްއާދްމީ" (އޭއޭޕީ) ޕާޓީ އެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީ އަށް މިއިންތިޚާބުގައި އެންމެ ތިން ގޮނޑި ލިބުމުން މޯދީއާއި އޭނާގެ ޕާޓީގެ އިސްފަރާތައް ވަނީ ވަރަށް ބޮޑަށް ލަދުވެތިވެފަ އެވެ. މި އިންތިޚާބުގައި ކޮންގްރެސް ޕާޓީ އަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވެ އެވެ. ދިއްލީ ސްޓޭޓްގައި ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބަކީ މޯދީގެ ޒަޢާމަތުގައި ބީޖޭޕީ އިންޑިޔާގެ ވެރިކަމަށް އައިފަހުން އެގައުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ.
މިއިންތިޚާބަކީ ބީޖޭޕީ އަށް ރައްޔިތުންގެ ސަޕޯޓް އޮތްމިންވަރު ބެލުމުގެ އިމްތިޙާނެއް ކަމަށާ މިއިމްތިޙާނުން އެޕާޓީއާއި މޯދީ ބޮޑުފޭލްވުމަކުން ފޭލްވެފައިވާ ކަމަށް އިންޑިޔާގެ މީޑިޔާ ބުނެ އެވެ. "އާމްއާދަމީ" ޕާޓީ އަކީ ބީޖޭޕީ އާއި ކޮންގްރެސް އާ އަޅާބަލާ އިރު ވަރަށް ކުޑަ ޕާޓީއެކެވެ. މޯދީ ވަނީ ލަދުވެތިކަމާ އެކު "އާމްއާދްމީ" ޕާޓީގެ ލީޑަރު އާވިންދް ކެގްރަވާލަށް މަރްޙަބާއާއި ތަހްނިޔާ ވިދާޅުވެފަ އެވެ. (ބީބީސީ)