ކ. ގުރައިދޫގައި ފެނާއި ކުނި މެނޭޖު ކުރުމުގެ ނިޒާމުގެ މަސައްކަތް ކުރުމަށް 25.2 މިލިއަން ރުފިޔާއަށް ސްޓެލްކޯ އާ ހަވާލުކޮށްފި އެވެ.

ގުރައިދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ މަސައްކަތް، ސްޓެލްކޯއާ ހަވާލުކޮށްފައި ވަނީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ. އަދި ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝުކޫރެވެ.

ރަށުގެ ރައްޔިތުން ރަނގަޅު ފެނުގެ ނަރުދަމާ ނިޒާމަކަށް ބޭނުންވެފައިވާތާ ގިނަ ދުވަސްތަކެއް ވާއިރު އަލަށް ފަށާ މަސައްކަތް މި އަހަރުތެރޭ ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ތާރިގު ވިދާޅުވީ ގުރައިދޫގެ އިތުރުން ރާއްޖޭގެ ހަތް ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި ނުވަ ރަށެއްގައި ނަރުދަމާ ނިޒާމުގެ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތައް ނިންމާލަން 700 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން. އެގުތުން ގުރައިދޫގެ އިތުރުން ވެސް މިހާރު ރާއްޖޭގެ ހަތް ރަށެއްގައި ފެނުގެ ނިޒާމުގެ މަސައްކަތް ދަނީ ކުރިއަށް. އަދި ހަމަ އެ ފަދައިން މި ވަގުތު ނުވަ ރަށެއްގައި ނަރުދަމާ ނިޒާމުގެ މަސައްކަތްވެސް ކުރެވެމުން އެބަދޭ. މި މަސައްކަތައް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރައްވަމުން އެބަ ގެންދަވާ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ހާލަތާ މެދު ވާހަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން 80 ޖަނެރޭޓަރު ރާއްޖެ ގެނެސް އެކި ކަންކޮޅުތަކަށް ބަހާފައިވާނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.