ގާހިރާ (ފެބްރުއަރީ11): ނިއުކްލިޔާ ހަކަތައިން އިލެކްޓްރިކް ކަރަންޓް އުފެއްދުމުގެ މަޝްރޫޢެއްގެ އެއްބަސްވުމެއްގައި މިސްރުން ރަޝިޔާއާ އެކު ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގެ ދަށުން ރަޝިޔާ އިން މިސްރުގައި ނިއުކްލިޔާ ރިއެކްޓަރެއް ބިނާކޮށްދިނުމާއި ނިއުކްލިޔާ އިންޖިނޭރުންގެ ގޮތުގައި މިސްރުގެ އެތަށްބަޔަކަށް ތައްލީމާއި ތަމްރީން ދިނުން ވެސް ހިމެނެ އެވެ.

މިއެއްބަސްވުމުގައި ދެގައުމުން ސޮއިކުރީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އެގައުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މީގެ އިތުރުން ޕޫޓިންގެ ދަތުރުފުޅުގައި މިސްރާއި ރަޝިޔާ ގުޅިގެން އިގްތިސާދާއި ވިޔަފާރިއާއި ހަކަތައިގެ ދާއިރާތަކާ ބެހޭ ގިނަ މަޝްރޫޢުތަކެއް ހިންގުމާ ބެހޭ އެއްބަސްވުންތަކެއްގައި ދެގައުމުން ވަނީ ސޮއިކޮށްފަ އެވެ. މިސްރަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަށްފަހު ރޭގެ ވަގުތެއްގައި ޕޫޓިން ވަނީ ގާހިރާ އިން ފުރާވަޑައިގެންފަ އެވެ.

ކްރެމްލިންނާއި މިސްރުގެ ރިޔާސީ އޮފީހުންވަނީ މިއީ ކާމިޔާބު ދަތުރުފުޅެއްކަމަށް ސިފަކޮށްފަ އެވެ. މިދަތުރުފުޅުގައި ޕޫޓިން ވަނީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ އިތުރުން މިސްރުގެ ބޮޑުވަޒީރު އިބްރާހީމް މަޙްލަބާ ވެސް ބައްދަލުކުރައްވާފަ އެވެ. ޕޫޓިންގެ ދަތުރުފުޅާ ގުޅިގެން ނެރުނު ގުޅިފައިވާ ބަޔާނުގައި މިއީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި މިދަތުރުފުޅުގައި ރަޝިޔާ އާއި މިސްރާ ދެމެދުގައިވާ ސިޔާސީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށާއި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމަށާއި އިގްތިސާދާ އަދި ހަކަތައިގެ ދާއިރާ އިން ރަޝިޔާ އިން މިސްރުގައި އިންވެސްޓް ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ގާހިރާ އިން ފުރާވަޑައިގަތުމުގެ ކުރިން މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއާ އެކު ބޭއްވި ނޫސްކޮންފަރެންސްގައި ޕޫޓިން ވިދާޅުވީ ދެބޭފުޅުންގެ ރަސްމީ މަޝްވަރާތަކުގައި އިރާގުގެ މައްސަލައާއި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމުގަ އެވެ. ސީސީ ވިދާޅުވީ އިރުމަތީ ގުދްސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައިވާ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލެއް އުފެއްދުމަށް މަސައްކަތް ކުރުމަށާއި ލީބިޔާއާއި ޔަމަންގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ދެގައުމުގުޅިގެން މަސައްކަތް ކުރުމަށް ވެސް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންފައިވާކަމުގަ އެވެ.

ޕޫޓިންގެ މިދަތުރުފުޅަކީ ފާއިތުވި 10 އަހަރު ތެރޭގައި ރަޝިޔާގެ އެންމެ އިސްވެރިއަކު މިސްރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް ސީސީވަނީ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން އަސްކަރީ އިންގިލާބެއްގައި ވައްޓާލުމަށް ފަހު ދިފާޢީ ވަޒީރަކަށް ހުންނަވައިގެން 2014 ވަނަ އަހަރު ރަޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ޕޫޓިންއާ ބައްދަލުކުރައްވާފަ އެވެ.

ޕޫޓިންގެ މިދަތުރުފުޅަކީ ޔުކްރޭންގެ މައްސަލާގައި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުތައް ކުޑަކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކާއެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް އޭނާގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅިފައިވާ ދަތުރުފުޅެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. ޕޫޓިންގެ މިދަތުރުފުޅުގައި ރަޝިޔާއިން މިސްރުގައި ނިއުކްލިޔަރ ރިއެކްޓަރެއް ބިނާކޮށްދިނުމުގެ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފައިވާތީ މިއީ މަދަނީ ނިއުކްލިޔަރ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމުގައި ރަޝިޔާއަށް ލިބިގެންދާނެ އެތަށް ބިލިޔަން ޑޮލަރެއްގެ ބޮޑު ފައިދާއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)