ދިވެހިރައްޔިތުންގެ ޕާރޓީ (ޑީއާރްޕީ) އަކީ، ބުނެވޭ ގޮތުގައި، އެންމެ ބޮޑު އިދިކޮޅު ޕާރޓީއެވެ. އެކަމަކު އެޕާރޓީ އިދިކޮޅު ވަނީ ކޮންބަޔަކާ ކަމާ މެދު މިހާރު ސުވާލު އުފެދެއެވެ.

ޑީއާރްޕީ ދެބަޔަކަށް ނުވަތަ ދެފެކްޝަނަކަށް ބެހިގެން އުޅޭ ކަމަކީ އެންމެންނަށް ވެސް މިހާރު އެނގޭ ކަމެކެވެ. މި ދެ ބައިގެ ތެރެއިން އެއްބައިމީހުން ތާއީދުކުރަނީ ޕާރޓީގެ ރަމްޒީ މަޤާމެއް ކަމުގައިވާ ޒައީމުގެ މަޤާމުގައި ހުންނެވި މައުމޫނު އަބްދުލް ޤައްޔޫމަށެވެ. އެ ފެކްޝަނުގެ މީހުން ބޭނުންވަނީ 2013 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި ޑީއާރްޕީ ގެ ފަރާތުން ޤައުމުގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް މައުމޫނު ހެދުމަށެވެ. އަނެއްބައި މީހުން ތާއީދުކުރަނީ ޑީއާރްޕީ ގެ ލީޑަރ ތަސްމީނު އަލީ އަށެވެ.

މައުމޫނާ ތަސްމީނުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވަގުތީ ގޮތުން އެކަހެރިކޮށް، ބޭރު ފުށް ޕޮލިޝްކުރަން ދެފަރާތުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އިރެއްގައި ގާތް މި ދެ ބޭފުޅުންގެ މެދުގައި މިހާރުވަނީ ސިޔާސީ އަދާވާތްތެރިކަން އުފެދިފައެވެ.

މައުމޫނުގެ ފެކްޝަން ބަލިކޮށްލުމަށްޓަކައި ރައީސް ނަޝީދުގެ އެމްޑީޕީން ތަސްމީނަށް ނުސީދާކޮށް ތާއީދުކޮށް ބަޔާންތައް ނެރޭތަން ފެންނަމުންދެއެވެ.

ޑީއާރްޕީގެ ހާލަތު މިހިސާބަށް ގޮސްފައިވާއިރު އަޅުގަނޑަށް ސިފަކުރެވޭ ގޮތުގައި ޑީއާރްޕީ އަކީ މިހާރު ދެ ޕާރޓީއެކެވެ. އެއީ މައުމޫނު ޕާރޓީ އާއި ތަސްމީނު ޕާރޓީއެވެ.

މައުމޫނު ޕާރޓީ އަކީ ވެސް އެންމެ ބޮޑު އިދިކޮޅު ޕާރޓީއެވެ. އަދި ތަސްމީނުގެ ޕާރޓީ އަކީ ވެސް އެންމެބޮޑު އިދިކޮޅު ޕާރޓީއެވެ. ނަމަވެސް މިދެބައިމީހުން "އިދިކޮޅު" ވަނީ ތަފާތު ދެ ފަރާތަކާއެވެ. މައުމޫނު ޕާރޓީ އަކީ އެންމެ ބޮޑު "ރައްޔިތުންނާ" އިދިކޮޅު ޕާރޓީއެވެ. އަދި ތަސްމީނުގެ ޕާރޓީ އަކީ އެންމެބޮޑު "ސަރުކާރާ" އިދިކޮޅު ޕާރޓީއެވެ.

ރައްޔިތުންގެ ވައިނޮޅިއަށް އެރުމުގެ ތިރީސް އަހަރުގެ ތަޖުރިބާ އާއި އެކު ޒައީމް މައުމޫނު ސިޔާސީ މައިދާނަށް އަލުން ނިކުންނެވުމަކީ އޭނާގެ ފެކްޝަނަށް އެންމެބޮޑު "ރައްޔިތުންނާ" އިދިކޮޅު ޕާރޓީ ގެ ލަގަބު ލިބޭ ސަބަބެވެ. އެފަދަ ޕާރޓީއެއްގެ ޒައީމުކަމަށް ވެސް އަދި ލީޑަރުކަމަށް ވެސް މައުމޫނަށް ވުރެއް "ޤާބިލު" ބޭފުޅަކު މި ޤައުމަކު ނުހުންނާނެކަން ކަށަވަރެވެ. މައުމޫނުގެ ޕާރޓީ އަށް އެ ލަގަބު ހަމަ ހައްޤެވެ. ނަމަވެސް ތަސްމީނުގެ ޕާރޓީއަށް އެންމެ ބޮޑު "ސަރުކާރާ" އިދިކޮޅު ޕާރޓީގެ ލަގަބު ހައްޤުތޯ ސުވާލު އުފެދޭނެ ޖާގަ އެބައޮތެވެ.
ސަރުކާރަށް އަމާޒުކުރައްވާ ތަސްމީނު ކިތަންމެވަރަކަށް ހޫނު ގޭސް ސްޕެރޭ ކުރެއްވިއަސް، ރައީސް ނަޝީދު ދޭތެރެ ދޭތެރެއިން ތަސްމީނަށް އެއޮއް ކުރައްވާ ތައުރީފަކަށް ހިތުގައި ޝައްކު އުފެދެއެވެ. ތަސްމީނަކީ ހަމަ ހަޤީޤަތުގައިވެސް ސަރުކާރާ އިދިކޮޅު ބޭފުޅެއް ބާވައެވެ. ނުވަތަ ބޭރުފުށުން ދެކޮޅު ކަމަށް ހެދިގެން ރައްޔިތުންނަށް ޑްރާމާއެއް ދައްކަވާ ބޭފުޅެއް ބާވައެވެ.

ޑީއާރްޕީ ތެރޭގައި އުފެދިފައިވާ ފަދަ ދެ ބައިގަނޑެއް ނުވަތަ ދެ ފެކްޝަނެއް އެމްޑީޕީ ތެރޭގައި އުފެދިފައި ނެތަސް އެމްޑީޕީ ގައިވެސް ރައީސް ނަޝީދުގެ ބައެއް ސިޔާސަތުތަކާ ނުރުހޭ ބަޔަކު އެބަތިއްބެވެ. އެފަދަ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރައީސް ނަޝީދުގެ ބޯޓުން ފައިބައިގެން ގޮސް އަރާނެ އެހެން ބޯޓެއް ފެންނަން ނެތުމެވެ. މައުމޫނުގެ ބޯޓަށް އަރައިފިނަމަ ބެލެވޭނީ ރައްޔިތުންނާ އިދިކޮޅު މީހެއް ކަމަށެވެ. ތަސްމީނުގެ ބޯޓަށް އަރައިފިނަމަ ބެލެވޭނީ ދެއުޅިއެއްނުވާ މީހެއްކަމަށެވެ!

އެހެންކަމުން ކެތްކޮށްލައިގެން، ހިންދިރުވާލައިގެން، ހައްޕުކިޔައިގެން އެފަދަ ބައެއް މެމްބަރުން އެމްޑީޕީ ގެ ބޯޓުގައި އެބަތިއްބެވެ. މުނައްވަރުގެ ބޮއްކުރާ، ހަސަންސައީދުގެ ކެނޯ އާއި ޑޮކްޓަރ ވަހީދުގެ ބާލިދީ އާއި ގާސިމްގެ ކަޓަމަރާން ވެސް ވަށައިގެން މުގޯލި އަޅަމުން ދެއެވެ. ނަމަވެސް މިއިން އެއްވެސް އުޅަނދަކަށް އެރުމަކަށް އެފަދަ އެމްޑީޕީ މެމްބަރުންގެ ޒަމީރު ޤަބޫލެއް ނުކުރެއެވެ.

ހައްތަހާވެސް ފޭލިވެފައިވާ ޕޮލިޓީޝަނުންނެވެ. ސަމުގާއެއް އޮތް ބޯޓެއް ހަމަނެތީ ބާވައެވެ؟ ތަރިތަކަށް ބަލައިގެންނަމަވެސް މަންޒިލަށް ދަތުރުކުރަން އެނގޭ މާލިމީއެއް ނެތީ ބާވައެވެ.