ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ހުކުމް އިއްވައި، ޖަލަށް ލައިފިނަމަ، ކ. މާފުށީ ޖަލުން "މާ ހަރަކާތެރިކޮށް" ފެންނާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލް ހޯލުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޝަރީއަތް ނިންމައި [އަޅުގަނޑު] ޖަލަށް ލާނެ" ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ޔަގީންކޮށް އަރުވަން ބްލޮކް ސީ މާފުށި ޖަލުން އަޅުގަނޑު މާ ހަރަކާތްތެރިކޮށް ފެންނާނެ،" ނަޝީދު މިރޭ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއާ ޖޭޕީ ގުޅިގެން އުފެއްދި އިންޓަ ޕާޓީ ކޮމިޝަންގެ ރިޕޯޓު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. ރިޝްވަތާއި ނުފޫޒު ބޭނުންކޮށްގެން ގާނޫނު އަސާސީއަށް އަރުވާ ލޮޅުންތަކާ ގުޅޭގޮތުން އެމްޑީޕީ-ޖޭޕީގެ ކޮމިޓީ ރިޕޯޓުގައި އަލިއަޅުވާލާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރިޝްވަތާއި ނުފޫޒު ބޭނުންކޮށްގެން ގާނޫނު އަސާސީއާ ގެނުވާ ލޮޅުން. އާރާ ބާރު ބޭނުންކޮށްގެން ގާނޫނު އަސާސީއަށް ގެންނަ ހަނިކަން. އަދި އާންމު ގާނޫނުތަކާއި ގާނޫނު ފާސްކޮށްގެން މިބާވަތުގެ ގާނޫނުތައް ފާސްކޮށްގެން ގާނުނު އަސާސީއަށް ގެންނަ ނިކަމެތިކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ހޯދައިދިނުން ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަންތައްތައް ހުއްޓުވަން މަސައްްކަތް ކުރާނީ މަޖިލީހުގެ ތެރެއިން ކަމަށެވެ.

"އަދި މުސްތަގިއްލު މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ވެސް ބަދަލު ކުރުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑުމެންނަށް އަގުލައްބިޔަތު ލިބިއްޖެނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ވެސް އަދި އެހެން ކޮމިޝަންތައް ވެސް އިރާދަކުރެއްވިއްޔާ ބަދަލު ވެގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ސީދާ ހަރަކާތަށް އެ ޕާޓީ ނުކުންނަން ފާސްކޮށްފައެވެ.

މިރޭގެ ބައްދަލުވުގައި ވާހަކަފުޅު ދެއްކެވި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅޭ ގޮތުން ޝަރީއަތް ކުރަމުންދާ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

ހަމައެއާއެކު އެ ޕާޓީގެ ސެކްޓްރީ ޖެނެރަލްގެ މަގާމަށް ވެސް ވަނީ ބޭފުޅަކު އައްޔަން ކުރަން ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކުރަން ނިންމާފައި ވަނީ ގާނޫނީ ވަކީލެއް ކަމަށްވާ އަނަސް އަބްދުއްސައްތާރެވެ.

މިރޭގެ ބައްދަލުވުމުގައި ހއ. ދިއްދޫގައި އެ ޕާޓީގެ އެކައުންޓެއް ގާއިމް ކުރުމަށް މަޖިލީހުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.