ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ހައްޔަރުކުރުމުގެ އަމުރު ފުލުހުން ހޯދީ ޕްރޮސިކިއުޓާ ޖެނެރަލްގެ ބަހެއް ނެތި ކަމަށް އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

މިރޭ ވީޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ ގެއިން ފިސްތޯލެއް ފެނުނުކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެހެންކަމުން ޕީޖީގެ ބަހެއް ނެތި ހައްޔަރުކުރުމުގެ އަމުރެއް ނުހޯދޭނެ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ މައްސަލަތަކުގައި ހިމެނޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ވާނީ ޕީޖީގެ ބަހެއް ހޯދުމަށް ފަހު ކަމަށް ހައިކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ނާޒިމް ދިރިއުޅުއްވާ ގ. އެނިފްއަށް ވަދެ ބަލާފާސްކުރުމުގައި އަމަލުކޮށްފައި ވަނީ އެފަދަ ކަންކަމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަން އިރު އެގޭގެތެރޭގައި ހަތިޔާރު ނުހުންނާނެ ކަމަށެވެ. އަދި ނާޒިމް ދިރިއުޅުއްވާ ކޮޓަރި ތެރޭގައި ހުރި ކަބަޑެއްގެ ތެރޭގައި އޮތް ދަބަހަކުން ހަތިޔާރު ފެނިފައިވާ ކަމަށް ބުނާއިރު، އެ ކަބަޑު ބަލައިފާސްކޮށްފައި ވަނީ ނާޒިމާއި އޭނާގެ އާއިލާ ކޮޓަރިތެރެއިން ނެރުމަށް ފަހު، އޭނާގެ ޣައިރު ހާޒިރުގައި ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

ނާޒިމްގެ ގެއިން ގޮވާތަކެތި ފެނުނު ކަމަށް މީގެ ކުރިން ފުލުހުން މީޑިއާއަށް މައުލޫމާތުދިން ނަމަވެސް ގޮވާތަކެތި އެގެއިން ނުފެންނަ ކަން ފުލުހުންގެ ލިޔެކިޔުންތަކުން ސާބިތުވާ ކަމަށާއި އެގޭތެރެއިން ގޮވާތަކެތި ފެނިފައިވާ ކަމަށް މިއަދު ކޯޓުގައި ވެސް ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގ. އެނިފް ބަލައި ފާސްކުރުމަށް ކޯޓު އަމުރު ހޯދާފައި ވަނީ ހަމަޖެހިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާފަދަ ދޮގުހެކި ދިނުމުގެ އަމަލުތަކެއް ފުލުހުން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

އަދި އެކަމުގައި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭތީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.