ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ މަގުސަދަކީ ދަރިންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސް ދިނުން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އާ އަހަރު (ސްޕްރިން ފެސްޓިވަލް) ފެށުން ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ އޮތް ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެ ގައުމަށް ގިނަ ކާމިޔާބީތަކެއް ހޯދުމަށް ޗައިނާ އާއި ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.

"...އަޅުގަނޑުމެންގެ ރައްޔިތުންނަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދިނުމަށް ޗައިނާ އާއި ދިވެހިރާއްޖެ އޮތީ ތައްޔާރަށް. އަޅުގަނޑުމެންގެ ގުޅުމުގެ މަގުސަދަކީ ދެ ގައުމަށް ކުރިއެރުން ގެނައުން. އަޅުގަނޑުމެންގެ ދަރިންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނުން. އަޅުގަނޑުމެންގެ ޒުވާނުން ބާރުވެރިވެފައިވާތަން ދުށުން،" ދުންޔާ ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބިނާވެފައި ވަނީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން އެއް ގައުމު އަނެއް ގައުމުގެ ސިޔާދަތަށް އިހުތިރާމް ކުރުމާއި އެއްގައުމަކުން އަނެއް ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަފީރު ވާން ފޫކާން ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގައި ފާއިތުވި އަހަރު ގިނަ ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށެވެ. އެގޮތުން ދެގައުމުގެ އިސް ބޭފުޅުން އެއްގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރެއްވުން އިތުރުވިކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ ސަފީރު ވާން ފޫކާން: ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގައި ފާއިތުވި އަހަރު ގިނަ ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާސިލުވީ ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ދެގައުމުގެ ދެމެދުގައި އިގުތިސާދީ ގޮތުން ގުޅުން ބަދަހިވުމެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި ކުރި ވިޔަފާރީގެ އަގު ފުރަތަމަ ފަހަރަށް 100 މިލިޔަން ޑޮލަރަށް އެރީ މިދިޔަ އަހަރުކަން އޭނާ ފާހަކުރެއްވިއެވެ.

ހާސިލުވީ ތިން ވަނަ ކަމެއްގެ ގޮތުގައި ފޫކާން ވިދާޅުވީ ދެގައުމުގެ ރައްޔިތުންގެ މެދުގައި ހިނގި މުއާމަލާތްތައް އިތުރުވުމެވެ. އެގޮތުން ޗައިނާއިން 360000 ޓޫރިސްޓުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޗައިނާގެ އާ އަހަރު ފާހަގަކުރުމަށް މިރޭ ބޭއްވި ހަފުލާގައި ޗައިނާގެ ސަގާފީ ބައެއް ކަންތައްތަކާއި ޖާފަތެއް ވެސް އޮތެވެ. އެހަފުލާގައި ފޮރިން މިނިސްޓަރު ދުންޔާއާއި އެހެން ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.