އެކިފަރާތްތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރާވިކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޭ ދަންވަރު ނާޒިމް ހައްޔަރުކޮށްފައި ވަނީ ދައުލަތާ އިދިކޮޅު ހަރަކާތްތަކެއް ހިންގަން ރާވަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ނާޒިމްގެ ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ޕެންޑްރައިވްގައި ދިވެހި ދައުލަތުގެ އިސްވެރިންތަކަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް ރާވާފައިވާކަން ދޭހަވާފަދަ ލިޔުމެއް ފެނިފައިވާ ކަމަށެވެ.

ނާޒިމް ދިރިއުޅުއްވާ ގ. އެނިފް ގެއިން، ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަނގުރާމަވެތި ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ނާޒިމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް އިއްޔެ ވަނީ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ޕީޖީއަށް ހުށަހެޅިތާ 24 ގަޑިއިރު ނުވަނީސް ކޯޓު އަމުރެއްގެ ދަށުން ނާޒިމް ހައްޔަރު ކުރީ ރޭ މެންދަމު 1:15 އެހާކަންހާއިރު އެވެ.