10 Feb 2015, 20:32
ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީދިން ކުދިން އަންނަ ހަފްތާ ތެރޭގައި ބޯންމެރޯ ހެދުމަށް ރާއްޖެއިން ފުރާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް 'ސަން' އަށް މިއަދު ވިދާޅުވީ، ކްރޮސް މެޗު ދިމާވެފައިވާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާސްޕްލާންޓް ހަދަން ޒަކާތު ފަންޑުން އެހީ ލިބުނު 34 ކުއްޖަކު، ބޯންމެރޯ ހަދަންދާން ބޭނުންވާ ހޮސްޕިޓަލްތަކާ ވާހަކަދައްކައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
"އަންނަ ހަފްތާ ތެރޭގައި އެ ކުދިން ފުރާނެ. ގިނަ ކުދިން ދާން ހަމަޖެހިފައި ވަނީ އިންޑިއާ އާއި ސްރީލަންކާގެ އެކަމަށް ހާއްސަ ހޮސްޕިޓަލްތަކަށް. ހޮސްޕިޓަލްތައް ބެލުމުގައި ބަލާފައި ވަނީ އެ ކުއްޖަކު ދާން ބޭނުންވާ ހޮސްޕިޓަލްތަކަށް. އަގަކަށް ބަލާފައެއް ނުވާނެ، ސަރުކާރުން ބަލަނީ އެ ކުއްޖެއްގެ ހިތްހަމަޖެހުމަށް،" އެންސްޕާގެ ސީއީއޯ ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް އެހީ ލިބުނު ކުދިންނަށް އެހީ ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ބޯންމެރޯ އޮޕަރޭޝަނަށްފަހު ތިން މަސް ވަންދެން އެ ކުއްޖަކު އެ ގައުމެއްގައި މަޑުކުރަންޖެހެ އެވެ. އަދި ޒަކާތު ފަންޑުން އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިންގެ ޓިކެޓާއި ހަރަދުތައް ވެސް ހަމަޖައްސައިދޭނެ އެވެ.
މުޖުތަބާ ވިދާޅުވީ، ކޮންމެ ކުއްޖަކަށް ގާތްގަނޑަކަށް 45،000 ޑޮލަރު ޒަކާތު ފަންޑުން ހަރަދުކުރާނެ ކަމަށެވެ. އެގޮތުން ބޯންމެރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 30،000 ނުވަތަ 35،000 ޑޮލަރު ހޭދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.