މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ ޖެނުއަރީ މަހު 1.55 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު 1.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2014 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއި 18 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނާ ގޮތުންނަމަ މިދިޔަ ޖެނުއަރީ މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މިދިޔަ ނޮވެންބަރު މަހުގައި ޓޫރިޒަމް ޖީއެސްޓީ ރޭޓު 12 ޕަސެންޓަށް އިތުރުވުމާއި ޓޫރިޒަމް ޖީއެސްޓީ ބަލައިގަނެފައިވާ އަދަދު 62.7 ޕަސެންޓް އިތުރުވުމެވެ. އަދި ޓޫރިޒަމް ނޫން ދާއިރާގެ ޖީއެސްޓީ ބަލައިގަނެފައިވާ މިންވަރު 17.3 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބީޕީޓީގެ އަދަދު 13.2 ޕަސެންޓަށް އިތުރުވުމާއި މިދިޔަ އަހަރު އެ މުއްދަތުގައި ލިބިފައިނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މިދިޔަ މަހު ބަލައިގަނެފައިވުން ކަމަށެވެ.

ތަފާސް ހިސާބްތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީޕީޓީގެ ގޮތުގަ އެވެ. އެ ދާއިރާއިން އާމްދަނީގެ ގޮތުގައި 744.4 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ލިބުނު އާމްދަނީގެ 48.2 ޕަސެންޓެވެ. ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީގެ ގޮތުގައި 597.9 މިލިއަން ރުފިޔާ އެވެ. އެއީ އާމްދަނީގެ 38.7 ޕަސެންޓްއެވެ. ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 80.4 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އާމްދަނީގެ 5.2 ޕަސެންޓް އެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 40.9 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އާމްދަނީގެ 2.6 ޕަސެންޓެވެ.

ފާހަގަކުރެވޭ އެހެނިހެން ބަދަލުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޓޫރިޒަމް ޓެކްސް ނެގުން ހުއްޓާލުމާ ގުޅިގެން، މިދިޔަ މަހު ޓޫރިޒަމް ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ ވަރަށް ކުޑަ އަދަދެކެވެ.

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު 48.8 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އެއީ އަންދާޒާ ކުރެވުނު އަދަދަށްވުރެ 3.8 ޕަސެންޓް ދަށް އަދެދެކެވެ. އޭގެ ސަބަބެއް ކަމަށް މީރާއިން ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާކުރެވުނު އަދަދަށް ފަތުރުވެރިން އައިސްފައިނުވުމުގެ ސަބަބުން ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވެފައިވުމެވެ. ހަމައެހެންމެ ބީޕީޓީގެ ދެ ވަނަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑި ބަދަލުވުމުގެ ސަބަބުން ޖަނަވަރީ މަހުގައި ލިބެން ޖެހޭ ބީޕީޓީގެ އާމްދަނީން ބައެއް ފެބުރުވަރީ މަހުގައި ލިބިފައިވުން ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.