10 Feb 2015, 16:57
ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކުޅޭ ކޮލިފިކޭޝަން މުބާރާތް، "2018 ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން"ގައި އޭއެފްސީ ސަރަހައްދުގެ ކޮލިފިކޭޝަން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ހޮވިއްޖެ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖް (ދެވަނަ ބުރު)ގައި ރާއްޖެ ހިމެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 131 ވަނައިގައި ރާއްޖެ އޮތުމުން ނެވެ. އަދި ޖެނުއަރީގައި ފީފާ ޒޯނަލް ރޭންކިންގެ 18 ވަނަ ރާއްޖެއަށް ލިބިފައި ވުމުން، އޭއެފްސީ ސަރަހައްދުން ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖަށް ހޮވޭ 34 ގައުމުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.
ރާއްޖެ އާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖަށް ހޮވިފައިވާ ދެކުނު އޭޝިއާގެ ގައުމުތަކަކީ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 142 ވަނައިގައި އޮތް އަފްގާނިސްތާނާއި 165 ވަނައިގައި އޮތް ބަންގްލަދޭޝް އެވެ.
އަފްގާނިސްތާނު ފީފާ ޒޯނަލް ރޭންކިންގެ 22 ވަނައިގައި އޮތްއިރު، އެ ތާވަލްގެ 34 ވަނައިގައި އޮތް ބަންގްލަދޭޝް ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރަށް ހޮވިފައި ވަނީ ދެވަނަ ބުރުގައި ހިމެނޭ އެންމެ ރޭންކިންގް ދަށް ގައުމުގެ ގޮތުގައެވެ.
ރާއްޖެ އާއި އަފްގާނިސްތާނު އަދި ބަންގްލަދޭޝް އޭއެފްސީ ސަރަހައްދުން ވޯލްޑް ކަޕް ކޮލިފިކޭޝަން 2018ގެ ގްރޫޕް ސްޓޭޖަށް ހޮވިފައި ވާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އާއި ސްރިލަންކާ، ނޭޕާލް، ޕާކިސްތާން އަދި ބޫޓާން ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވުމަށް ޕްލޭއޮފް (ފުރަތަމަ ބުރު)ގައި ވާދަކުރަން ޖެހިފައެވެ.
ފީފާ ޒޯނަލް ރޭންކިންގައި އޭއެފްސީ ސަރަހައްދުގެ އެއްވަނަ ހޯދައިން ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައިވާ ގައުމަކީ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 51 ވަނައިގައި އޮތް އީރާން އެވެ. އަދި އެ ތާވަލްގެ 54 ވަނައިގައި އޮތް ޖަޕާން ޒޯނަލް ރޭންކިންގެ ދެވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 69 ވަނައިގައި އޮތް ދެކުނު ކޮރެއާ އެވެ.
އިރާނާއި ޖަޕާން އަދި ދެކުނު ކޮރެއާގެ އިތުރުން މިފަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބު ކުރި އޮސްޓްރޭލިއާ އާއި އޭޝިއަން ކަޕްގައި ވާދަކުރި ވަރުގަދަ ގައުމުތަކާ ދެކޮޅަށް ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ނިކުންނައިރު، އެ މުބާރާތުގައި އެންމެ ފުރަތަމަ ރާއްޖެއާ ދެކޮޅަށް ވާދަކުރާ ގައުމެއް އިނގިގެން ދާނީ މިއަހަރުގެ އޭޕްރިލް 11 ގައި ދެވަނަ ބުރުގެ ޑްރޯ ނެގުމުންނެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރުގައި ވާދަކުރާނީ އެ ބުރަށް އޮޓަމެޓިކުން ހޮވުނު 34 ގައުމުގެ އިތުރުން، ޕްލޭއޮފް ރައުންޑް (ފުރަތަމަ ބުރުން) ދެވަނަ ބުރަށް ކޮލިފައިވާ ހަ ގައުމާއެކު މުޅިއެކު 40 ގައުމެވެ. އެ 40 ގައުމު އަށް ގްރޫޕަކަށް ބަހާލެވުމަށް ފަހު، ރައުންޑް ރޮބިން އުސޫލުން ހޯމް އާއި އަވޭ މެޗުތައް ކުޅުމަށް ފަހު، އޭފްސީ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތިންވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމްތަކެވެ.
ތިންވަނަ ބުރުގައި ވާދަކުރާ 12 ގައުމު ދެ ގްރޫޕަކަށް ބަހާލައި ރައުންޑް ރޮބިން އުސޫލުން ހޯމް އާއި އަވޭ މެޗުތައް ކުޅުމަށްފަހު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވާނީ އެ ދެ ގްރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.