ދިވެހިރޭއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައެއް ފެކަލްޓީތަކާއި، އިދާރީ ބައެއް މަސައްކަތްތަށް ކުރަމުން ގެންދާ ބާ ޖަމާލުއްދީނު ހުސްކުރުމުން ކުދިންގެ ކިޔެވުން ހުއްޓޭނެތީ ހިތާމަ ކުރާކަމަށް ގައުމީ ޔުނިވާސިޓީން ބުނެފި އެވެ.

ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އިން ލޯ، ފެކަލްޓީ އޮފް އާޓްސް އަދި ސެންޓަ ފޯ އޯޕަންލާނިންގެ އިތުރުން ދަރިވަރުންގެ އިދާރީ ހުރިހާ ހިދުމަތެއް ދެމުންގެންދާ ބާޖަމާލުއްދީން ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް ރައީސް އޮފީހުން އާދިއްތަ ދުވަަހު ފުލުހުންނަށް ވަނީ އަންގާފައެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުރިން ޖީ ބްލޮކް ހުސްކުރަން އެންގުމާ ގުޅިގެން މިދިއަ އަހަރު އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު ބާޖަމާލުއްދީން ހުސްކުރުމަށް އިތުރު މުހުލަތެއް ދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.

ކުއްލިއަކަށް ބާ ޖަމާލުއްދީނު ހުސްކުރުމަށް ސަރުކާރުން އެންގުމުން ކަންބޮޑުވުން ފާޅުކޮށް ޔުނިވަސިޓީގެ ބަޔާނުގައި ބުނެފައި ވަނީ އެތަނުގައި ހިންގާ ފެކަލްޓީތަކާއި، އިދާރީ މަސައްކަތްތަށް ބަދަލުކުރާނެ އިމާރާތެއް ނެތި ތަން ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކުއްލިއަކަށް ޖީބްލޮކް [ބާޖަމާލުއްދީން] މިގޮތަށް ހުސްކުރަން ސަރުކާރުން ނިންމެވި ނިންމެވުމަކީ، އެތަނުން ބަދަލުވާނޭ އެހެން އިމާރާތެއް ނެތި ކުރެވޭނެ ކަމެއް ނޫންކަމަށް ޔުނިވާސިޓީން ދެކޭހިނދު، އޭގެ ސަބަބުން އެތަށް ދަރިވަރުންތަކެއް ކިޔެވުން ހުއްޓޭނެތީވެ، ޔުނިވާސިޓީން އެކަމާމެދު ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ." ގައުމީ ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބާޖަމާލުއްދިން ހުސްކުރަން ސަރުކާރުން އެންގި އެންގުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު 'ސަން' އަށް އިއްޔެ ވިދާޅުވީ އެ އިމާރާތް ހުސްކުރަން ޔުނިވާސިޓީއަށް އަންގާފައި އޮންނަތާ ގާތްގަނޑަކަށް 14 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ނަމަވެސް އެކަމަށް ޔުނިވާސިޓީން އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުނގަޑުމެން ސަރުކާރަކުން ތައުލީމަކަށް ހުރަހެއް ނާޅާނަން. ދައުލަތުން ޔުނިވާސިޓީއަށް ބޮޑު ހޭދައެއްކޮށް ގައުމީ ޔުނިވާސިޓީއަށް އިމާރާތްތަކާއި ބިންތަކާ ދެވިފައި އެބަހުރި. އަދި އެ ޔުނިވާސިޓީން ބޭނުންނަމަ ސަރުކާރުން އޮތީ ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، "ގައުމީ ޔުނިވާސިޓީން އެކުދިން މަގުމަތި ކޮށްގެން ނުވާނެ ކަމަށާއި ޔުނިވާސިޓީން އެކުދިންނަށް ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭނެ،" ކަމަށެވެ. އަދި އެ ޔުނިވާސިޓީގައި އެ ގާބިލްކަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ބާޖަމާލުއްދީނުގެ 20 ކްލާސް ރޫމެއްގައި 1266 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެ އެވެ. އަދި 103 މުވައްޒަފުން މަސައްކަތް ކުރަމުން ދެ އެވެ.