10 Feb 2015, 16:31
އުޒްބަކިސްތާނުގެ ކީޕަރަކާއި ނައިޖީރިއާގެ ޑިފެންސިވް މިޑްފީލްޑަރެއް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ވަރަށް އަވަހަށް ގެންނާނޭ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ނިއުގެ އޮފިޝަލަކު 'ސަން' އަށް މައުލޫމާތު ދެމުން ބުނީ، އެ ޓީމަށް ގެންނަ އުޒްބަކިސްތާނު ކީޕަރާއި ނައިޖީރިއާގެ ޑިފެންޑަރު ދެ ތިން ދުވަހެއްގެ ތެރޭ ޓީމާ ގުޅެން ރާއްޖޭ އަންނާނެ ކަމަށެވެ.
ކީޕަރަކާއި ޑިފެންޑަރެއްގެ އިތުރުން ޑީއާރް ކޮންގޯގެ ފޯވާޑް ޑޭވިޑް މޯލީ އާއި ސްލޮވޭކިއާގެ އެޓޭކިންގ މިޑްފީލްޑަރު ވިލިއަމް މެކޯ ނިއުއަށް ސޮއި ކޮށްފައި ވާކަން އެ ކްލަބުން މިއަދު ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އުމުރުން 20 އަހަރުގެ މޮލީ އަކީ މީގެ ކުރިން ލިވަޕޫލްގެ ޔޫތު ޓީމަށާއި އިންގްލެންޑްގެ ގައުމީ ޔޫތު ޓީމްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ވިލިއަމް އަކީ ސްލޮވޭކިއާ އާއި ހަންގޭރީގެ އެއްވަނަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައިވާ އުމުރުން 33 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.
ނިއުއަށް މި ސީޒަނަށް ހަތަރު ބިދޭސީ ކުޅުންރިން އަނެއްކާވެސް ގެންނަން ނިންމީ މިދިޔަ ޑިސެންބަރު މަހު އެ ޓީމަށް ގެނައި ބްރެޒިލްގެ ދެ ފޯވާޑުންނާއި ސްޕއިންގެ ގޯލްކީޕަރު ދޫކޮށްލުމަށް ފަހު އެވެ. އެ ކުޅުންތެރިން ނިއުއިން ދޫކޮށްލީ ނިމިގެން ދިޔަ ޕީޕަލްސް ކަޕްގައި އެ ކުޅުންތެރިންގެ ފަރާތުން އެދެވޭ ފެންވަރުގެ ކުޅުމެއް ފެނިގެން ގޮސްފައި ނުވާކަމަށް ބުނެ އެވެ.
ނިމިގެން ދިޔަ ޕީޕަލްސް ކަޕް ނިއު ނިންމާލީ ތާވަލްގެ އެންމެ ފުލުގައި އޮވެގެނެވެ. އެ މުބާރާތުގައި ކުޅުނު ތިން މެޗުގައި ނިއުއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ނިޔާޒް (ނިޔާ) އެވެ.
ތިން ބިދޭސީ ކުޅުންތެރިންގެ އިތުރުން ނިއުއިން ވަނީ މިމަހުގެ ކުރީކޮޅު އެ ޓީމްގެ ކެޕްޓަން މުހައްމަދު އުމޭރު ވެސް ދޫކޮށްލާފައެވެ. އަދި އެ ޓީމްގެ ގޯލް ބަލަހައްޓަމުން ދިޔަ ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު އެ ޓީމް ދޫކޮށް މާޒިޔާއަށް ބަދަލުވުމުން، އެ ޓީމަށް ވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.