ތެހެރާން (ފެބްރުއަރީ 10): އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލުކުރުމަށް މިހާރު ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ހުޅަނގަށް ގޮވާލައްވައިފި އެވެ.

ތެހެރާންގައި މިއަދު ދެއްވި ބަޔާނެއްގައި ރޫޙާނީ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މައްސަލަ ޙައްލުކޮށް އީރާނާއި ހުޅަނގާ ދެމެދު އިތުބާރު އުފެއްދުމަށް މިހާރު ލިބިފައިވަނީ ފާއިތުވި ތިރީހަކަށް އަހަރުވެސް ލިބިފައިނުވާފަދަ ރަނުގެ ފުރުސަތެއް ކަމަށާއި މިފުރުސަތުގެ ބޭނުންކޮށްފިނަމަ ނިއުކްލިއާ މައްސަލައިގައި އެއްބަސްވުމަކަށް އާދެވި، ހުޅަނގަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމުގައެވެ.

ރޫޙާނީ ވިދާޅުވީ މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ނިއުކްލިއާ މައްސަލައިގައި އީރާންވަނީ ހުޅަނގަށް ބޮޑެތި ދޫތަކެއް ދީފައިކަމުގައެވެ.

ރޫޙާނީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އީރާނުގެ ނިއުކްލިއާ މައްސަލަ ޙައްލުކުރުމަށް ޓަކައި އެގައުމާއި ހުޅަނގުގެ ބާރުތަކާދެމެދު ދައްކަމުންގެންދާ ވާހަކަތަކުގެ މުއްދަތު އިތުރުކުރުމަކީ ފައިދާ ކުރާނެކަމެއް ނޫންކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވާފައިވަނިކޮށެވެ.

ޖަރުނަމުގެ ޗާންސެލަރ އެންޖެލާ މާކަލްއާއެކު ވައިޓްހައުސްގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އުފައްދުމުގެ އެއްވެސް ޕްރޮގްރާމެއް ތަންފީޒުކުރަމުން ނުގެންދާކަމުގެ ޔަގީންކަން އީރާނުން ދޭންޖެހޭނެ ކަމުގައެވެ. މިޔަގީންކަން ދޭންޖެހޭނީ މިވާހަކަތައް ކޮޅެއްގައި ޖެއްސުމަށް މިހާރު ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ އިތުރަށް ވިދާޅުވީ، އީރާނުން މިފަދަ ޔަގީންކަމެއް ނުލިބެނީސް ނިއުކްލިއާ ވާހަކަތަކުގެ މުއްދަތު އިތުރުކުރުމަކީ މިވާހަކަތަކުގެ ބޭނުމާއި މަގްސަދު ގެއްލިގެންދާނެ ކަމެއްކަމުގައެވެ.

އަންނަ މާޗް ނިމުމުގެ ކުރިން އީރާނުގެ ނިއުކްލިއާ މައްސަލަ ޙައްލުކުރުމުގެ ވާހަކަތައް ކޮޅެއްގައި ޖެއްސުމަށް ހުޅަނގުގެ ބާރުތަކާއި އީރާނުންވަނީ މިދިޔަ އަހަރު މުއްދަތެއް ކަނޑައަޅާފައެވެ. މިމުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރުސަތު ކުޑަނަމަވެސް އެއްބަސްވުމަކަށް އައުމުގެ މުއްދަތު އަލުން އިތުރުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)