ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މުވައްޒަފުންވެސް ގަޑިޖެހުމުން ގަޑީލާރި ނެގޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަމަޖައްސައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސެވުމާ ގުޅިގެން 2012 ޖުލައި 1 ގައި ޢަމަލުކުރަން ފަށާފައިވާ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް ރައީސުލްޖުމްހޫރިއްޔާ އިސްލާހު ގެންނަވާފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފު ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަސްވެގެން ހާޒިރުވެއްޖެނަމަ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލުގެ (ރ) ގައިވާ ގޮތުގެމަތިން ގަޑީލާރި ނެގޭނެއެވެ. އަދި ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު ރަސްމީ ދުވަސްދުވަހު ހެނދުނު 8:31 ހިނގުމަށްފަހު ހާޒިރުވެއްޖެނަމަ ގަޑީލާރި ނެގޭނެ ކަމަށާއި ރަމަޟާންމަހު ގަޑީލާރި ނެގޭނީ ހެނދުނު 9:31 ހިނގުމަށްފަހު އޮފީހަށް ހާޒިރުވެއްޖެނަމަ ކަމަށް ވެސް އިސްލާހު ކުރެއްވި އުސޫލުގައި ބުނެފައިވެ އެވެ.

އިސްލާހު ކުރި އުސޫލުގައި ބުނެފައި ވަނީ އޮފީހުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން މުވައްޒަފަށް ގަޑިއަށް އޮފީހަށް ހާޒިރުވެ ހާޒިރީ ރެކޯޑު ނުކުރެވިއްޖެނަމަ، އެ މަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނުގައި ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގައި ހާޒިރުވި ގަޑި ރެކޯޑުކުރަން ވާނެ ކަމަށެވެ. އަދި ގަޑިއަށް އޮފީހަށް ނާދެވުނު ސަބަބުވެސް ރެކޯޑުކޮށްފައި އޮންނަންވާނެ ކަމަށާއި އެފަދަ ޙާލަތެއްގައި މުވައްޒަފު ގަޑިއެއް ނުޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފަވެ އެވެ.

"ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުން. މިނެޓަކަށްޖެހޭ އަދަދު ބަލާނީ މަހު މުސާރަ އެމަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، އާންމު ރަސްމީ ގަޑި ކަމަށް ހަމަޖައްސާފައި އޮންނަ ގަޑީގެ އަދަދުން ގެއްލީމާ އަންނަ އަދަދު، 60 އިން ގެއްލައިގެންނެވެ. އެއީ، ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު އެމަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، 8 އިން ގެއްލީމާ އަންނަ އަދަދު، 60 އިން ގެއްލައިގެންނެވެ. އަދި ރަމަޟާންމަހު މަހު މުސާރަ 30 އިން ގެއްލީމާ އަންނަ އަދަދު، 4.5 އިން ގެއްލީމާ އަންނަ އަދަދު، 60 އިން ގެއްލައިގެންނެވެ." އަލަސް އިސްލާހު ކުރެއްވި އުސޫލުގައި ބުނެފަވެ އެވެ.

މިގޮތަށް ރައީސް ޔާމީން ހަމަޖެއްސުމުން އަންނަ ހަފްތާގެ ހޯމަ ދުވަހުން ފަށައިގެން މި އުސޫލަށް އަމަލުކުރަން ފަށާނެ އެވެ.