10 Feb 2015, 16:15
ހ. ސޯސަންގެ ހުސްކުރުމާއި ގުޅިގެން ޔުނިވާސިޓީން ހިންގަމުންދިޔައި ދެ ފެކަލްޓީއެއްގެ ކިޔެވުން ހުއްޓިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
ޔުނިވާސިޓީން މިއަދު ބުނީ 2010 ވަނަ އަހަރު ފެކަލްޓީ އޮފް އިންޖިއަރިން ޓެކްނޯލޮޖީ ހިންގަމުންދިޔަ އިމާރާތުގެ ހުރިހާ ވަސީލަތެއް ސަރުކާރަށް ނެގުމާއި ގުޅިގެންނާއި 2013 ވަނަ އަހަރު އަލަށް އުފެއްދި ފެކަލްޓީ އޮފް ސައިންސްގެ ކޯސްތައް ހިންގަމުން އަންނަ ސޯސަންގެ ކުއްލިގޮތަކަށް ހުސްކުރުމުން އެދެ ފެކަލްޓީގެ ކޯސްތައް ހިންގުން ވަނީ ހުއްޓިފައި ކަމަށެވެ.
ސޯސަންގޭގައި ހިންގަމުންދިޔައި ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ސޯސަންގޭގައި ބޭނުންކުރަމުން އައި ވަސީލަތްތައް އިންޑިއާއިން އެ ފެކަލްޓީއަށް ބަދަލުުކޮށްފައިވާ ކަމަށާއި އަދި އެ އިމާރާތުގައި މިއަހަރުގެ ފުރަތަމަ ޓާމްގެ ކޯސްތައް ފެށިފައިވާކަމަށްވެސް ޔުނިވަސިޓީން ބުންޏެވެ. އެއިމާރާތަށް އެއްކޮށް ބަދަލުވުން ލަސްވެފައިވަނީ ގިނަ މަރާމާތުތަކެއް ކުރަންޖެހުމުގެ ސަބަބުން ކަމަށްވެސް ޔުނިވާސިޓީން ބުންޏެވެ.
އެ ޔުނިވާސިޓީގައި 9000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާތީ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިކަމަށްވެސް ޔުނިވާސިޓީން ބުންޏެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ، ސޯސަންގެ ހުސްކުރަމުން ދަނީ އެފަރާތަށް އިމާރާތެއް ދިނުމަށް ފަހު ސޯސަންގެ ހުސްކުރުމަށް ރައީސް އޮފީހުން އެންގެވުމުން ވެސް އެތަން ހުސްކޮށްފައިނުވާތީ ކަމަށެވެ.
ހައުސިންގ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އިއްޔެ ވަނީ އެގެ ހުސްކުރުމުގެ މަސައްކަތް ކޮށްފައެވެ.