10 Feb 2015, 14:49
ސްމާޓްފޯން ބޭނުން ކޮށްގެން 15 މިނެޓުތެރޭގައި އެޗްއައިވީ އާއި ސިފިލިސް ބަލައި ޓެސްޓު ކޮށްދޭ އާލާތެއް ކޮލަމްބިއާ ޔުނިވާސިޓީގެ ރިސާޗަރުންތަކެއް އުފައްދައިފި އެވެ.
އެންޑްރޮއިޑް އަދި އައިއޯއެސް ސްމާޓްފޯންތަކަށް ސަޕޯޓުކުރާ އެ "ޑޮންގްލް" އަކީ ބަލިތަކުގެ ދިރާސާ ކުރުމަށް އައު އިންގިލާބެއް ގެނެސްދޭނެ އެއްޗެއް ކަމަށް ގިނަ ރިސާޗަރުންތަކެއް ވަނީ ބުނެފައެވެ.
އަލަށް އުފެއްދި އާލާތަކީ އެޗްއައިވީ ޓެސްޓު ކުރުމަށް މިހާރު އާންމުކޮށް ބޭނުން ކުރާ މެޝިންތަކަށްވުރެއް އެތައް ގުނައެއް އަގުހެޔޮ އެއްޗެކެވެ. އާންމުކޮށް އެޗްއައިވީ ޓެސްޓު ކުރަން ހުންނަ ޑައިގްނޯސްޓިކް މެޝިނަކަށް 18،000 ޑޮލަރު އަރާއިރު އެ އައު އާލާތް އުފެއްދުމަށް ހަރަދުވަނީ އެންމެ 34 ޑޮލަރެވެ.
ސައިންސް ޓްރާންސްލޭޝަނަލް މެޑިސިން ޖާނަލް އިން އެ ޑޮންގްލް ބޭނުންކޮށްގެން 96 މީހަކަށް އެޗްއައިވީއަށް ވަނީ ޓެސްޓުކޮށްފައެވެ. އޭގެ ހެދި ސެންސިޓިވިޓީ ރޭޓިންގެ ތެރެއިން 92 އިންސަތައަށްވުރެ ގިނައިން އައިސްފައިވަނީ ރަނގަޅު ޖަވާބެވެ. ނަމަވެސް ސްޕެސިފިސިޓީ ރޭޓިން ނެގި އިރު އެ ދިމާވެފައިވަނީ 79 އިންސަތަ އެވެ. އެހެން ކަމުން އެޗްއައިވީ ނުޖެހޭ މީހުންނަށްވެސް ޖެހިފައި ހުރި ކަމަށް ދައްކާފައިވާ ކަމަށް އެ ޖާނަލް އިން ކުރި ދިރާސާއިން ބުނެއެވެ.
އެ އާލާތް މަސައްކަތް ކުރަނީ ސްމާޓްފޯނުގެ ހެޑްފޯން ޖެކް ބޭނުންކޮށްގެނެވެ. އިންސާނާގެ ލޭ ބޭނުންކޮށްގެން އެޗްއައިވީ އަށް ޓެސްޓްކުރާ އެ އާލަތަކީ ފޯނުގެ ޗާޖު ބޭނުންކޮށްގެން މަސައްކަތް ކުރާ އެއްޗެކެވެ.