10 Feb 2015, 14:34
އައްޑޫ ސިޓީ ކައުންސިލުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) އަށް ތިން މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްއާރްޑީސީގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއާ ގުޅޭގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މަޝްވަރާކޮށްފައި ވާ ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން އެ ފައިސާ އެ ކުންފުންޏަށް ދައްކައި ހަލާސް ކުރާނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިިދިޔަ ހަފްތާގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ބޭފުޅުންނާ މަޝްވަރާ ކުރިން. ކައުންސިލުގެ ބޭފުޅުން ވިދާޅުވި އެބޭފުޅުން އެ ފައިސާ ވަރަށް އަވަހަށް ދައްކައި ހަލާސް ކުރާނެ ކަމަށް. އަދި މިހާރު އެ ތިން މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކައުންސިލުން ބުނި،" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލާއި އެމްއާރްޑީސީއާ ދެމެދު އައްޑޫ މަގުތަކާ ގުޅޭގޮތުން މަޝްވަރާ ތަކެއް ކުރެވިގެން ދިޔަ ކަމަށެވެ. އަދި މެދުނުކެނޑި މަގުތައް މަރާމާތު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދަތިކަމެއް އަންނަ ކަމެއްގައި ވެއްޖެނަމަ އަޅުގަނޑުމެން އެހީތެރިވެދޭނަން އެއީ މި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރި ކަމުގައިވިއަސް. ކައުންސިލުން ބޭނުން ވަނީ އައްޑޫގައި ހުރި ހުރިހާ ވެލިމަގުތަކެއް ހެދުމަށް. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކޮށްދޭނަން،" ރަޝީދު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ޠައްޔިބު މިއަދު "ސަން" އަށް ވިދާޅުވީ، ކައުންސިލުން ހިންގުމަށް ދައުލަތުން ބަޖެޓު ދޭންޖެހޭ ކަަމަށެވެ. އަދި މި ފަހަކަށް އައިސް އެއްވެސް މަޝްރޫއަކަށް ކައުންސިލަށް ފައިސާ ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފައިސާ ދެނީ އެމަޝްރޫއުއެއް ހިންގާ ކުންފުންޏަށް ނުވަތަ މިނިސްޓްރީ އަށް. ދިނީމަ ދެން އެ މިނިސްޓްރީ އަކުން ކައުންސިލަށް ނުވަތަ ކުންފުންޏަށް ވެސް ދޭނީ. އަޅުގަނޑުމެން އަތުގައި ނެތް އެއްޗެއް ކިހިނެއްތޯ ދޭނީ." ޠައްޔިބު ވިދާޅުވި އެވެ.