10 Feb 2015, 14:06
އިތުރު ބަޔަކާ ގުޅިގެން ދައުލަތާ އިދިކޮޅު ހަރަކާތް ހިންގަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމާފައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ގަޑިއިރުގެ މުއްދަތު މަޖިލީހެއް ބޭއްވުމަށްފަހު އެވެ.
ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމާ އެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމައި ނެރުނު އަމުރުގައި އޭނާ އަކީ "މުޖުތަމައަށް ނުރައްކާތެރި ބޭފުޅެއް ކަމަށް ފެންނާތީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި" ބަންދަށް 15 ދުވަސް ޖެހީ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި ހައިކޯޓަށް މައްސަލަ ހުށަހެޅުއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ނާޒިމް ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ނާޒިމްގެ މައްޗަށް ތަހުގީގެއް ފުލުހުން ހިންގަމުން އަންނައިރު އޭނާގެ ގެއިން ފިސްތޯލަ ފެނުނު ކަމަށް ބުނާ މައްސަލައުގައި ނާޒިމްގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.