ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން އަންނަ ހަފްތާއިން ފެށިގެން ހެންވޭރު ރަތްވިލާމަގާއި ހީނާގޯޅިއަށް ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަންނަ ހަފްތާއިން ފެށިގެން ބައިބަޔަށް ބަހާލައިގެން އާއްމުންނަށް ފަސޭހަވާނެ ގޮަތަށް މަގުތައް ބަންދުކުރަން ފަށާނެ ކަމަށެވެ. އަދި ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ވެހިކަލްތަކަށް ނުވަދެވޭގޮތަށް ފުރަތަމަ ބަންދުކުރަން ހަމަޖެހިފައިވަނީ ރަތްވިލާ މަގާއި ހީނާ ގޯޅި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި ޕްރޮޖެކްޓް އެއްކޮށް ތަންފީޒުކުރުމަށް ތިން މަސް ނަގާނެ. އެއީ ދެ ހަފްތާއިން ދެ ހަފްތާއިން މަގުތައް ބަންދުކުރަމުން ގޮސް،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ޓައިމްލައިންގައި ވާގޮތުން މާލޭގެ 11 ގޯޅި/މަގު އަންނަ ޖޫން މަހުގެ އަށްވަނަ ދުވަހުގެ ކުރިން ބަންދުކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ އާދީއްތަ ދުވަހުން ފެށިގެން ހީނާ ގޯޅިއާއި ރަތްވިލާ މަގަށް ވެހިކަލް ވެއްދުން މަނާކުރާއިރު އެ ގޯޅިތަކުގައި ވެހިކަލް ޕާކުކުރާ މީހުންނަށް ވެހިކަލް ޕާކުކުރުމަށް ހާއްސަ ޕާކިން އޭރިއާތަކެއް ތިން ސަރަހައްދެއްގައި ގާއިމްކުރާނެ އެވެ.

"ޓްރާސްޕޯޓް އެތޯރިޓީން ހާއްސަ ސިޓީތަކެއް ދެއްވާނެ ގޯޅިތެރޭގައި ހުންނަ ގެތަކުގައި ވެހިކަލް ދުއްވާ ކޮންމެ ފަރާތްތަކަށް. ސްޓިކާ ހަރުކޮށްފައި ހުންނަ ވެހިކަލްތަކަށް އެޕާކިން ޒޯންތަކުގައި ބެހެއްޓޭނީ. އެ ސްޓިކާގައި ބުނެފައިވާނީ އެއީ ޕާމިޓް ހޯލްޑާއެއް ކަމާއި ޕާކު ކުރަންޖެހޭ ސަރަހައްދުތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް ބައެއް މަގުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާއިރު ބައެއް މަގުތައް ޓްރެފިކަށް ބުރޫ ނާރާނެ ގޮތަށް ދެ ކޮޅަށް ދުއްވާ މަގުތަކަކަށް ވެސް ބަދަލުކުރެވޭނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި ހިނގާފައި އުޅޭގޮތަށް ކަނޑައެޅުމަށް ހަމަޖެހިފައިވާ މަގުތަކާއި ގޯޅިތަކުގެ ޕްލޭން ތަންފީޒުކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ޓައިމްލައިންގައިވާ ގޮތުން ހެންވޭރު ކޮށީގައިި މިނިސްޓްރީން ބަންދުކުރަން ހަމަޖައްސާފައިވާ މަގުތައް އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ބަންދުކުރެވޭނެ އެވެ.

އެގޮތުން، އެކެއް މާޗުގައި ހެންވޭރު ލަންސިމޫ ގޯޅި އާއި ވައިޖެހޭ މަގު (ހުޅަނގުން އިރަށް) ބަންދުކުރަން ހަމަޖެހިފައިވާއިރު، އަންނަ މަހުގެ 15 ގައި ހެންވޭރު ވައިޖެހޭ މަގު (އުތުރުން ދެކުނަށް) ބަންދުކުރާނެ އެވެ. އަދި 29 މާޗުން ފެށިގެން ހެންވޭރު ބޮޑުފުންގަނޑު މަގު (މަޖީދީމަގާއި ދުނބުގަސްމަގާއި ދެމެދު) އަކަށް ވެހިކަލަކަށް ނުުވަދެވޭނެ އެވެ.

މީގެ އިތުރުން، އޭޕްރިލް މަހުގެ 12 ވަނަ ދުވަހު މަންޗަންގޮޅި ދިލްކުޝާ ގޯޅި (ކެނެރީމަގާއި ޗާންދަނީމަގައި ދެމެދު) އާއި 26 އޭޕްރިލްގައި މާފަންނު ފަރީދީ ހިނގުން (ފަރީދީ މަގާއި ކެނެރީމަގާއި ދެމެދު) ބަންދުކުރާނެ ކަމަށެވެ.

މެއި 10 ވަނަ ދުވަހު ހެންވޭރު/މަންޗަންގޮޅި ކެނެރީ މަގު (ޗާންދަނީ މަގާއި ނަރުގިސްގޯޅިއާއި ދެމެދު) އާއި 24 މެއި ގައި ޒަމާނީ ގޯޅި (ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމާއި މަޖީދީމަގާއި ދެމެދު) ބަންދުކުރާއިރު، ޖޫން މަހުގެ އަށް ވަނަ ދުވަހު މަންޗަންގޮޅި ޖަވާހިރު ގޯޅި (ކާމިނީ މަގާއި މާވެޔޮ މަގާއި ދެމެދު) އަށް ވެހިކަލް ވަނުން މަނާކުރެވޭނެ އެވެ.