10 Feb 2015, 13:43
މެލޭޝިއާގެ ޓިއަމަން އައިލެންޑްސްގައި ކުރިއަށް ގެންދިޔަ ޓިއަމަން ފެސްޓިވަލް 2015 ގައި، ބޯޑީ ބޯޑިންގ ކެޓަގަރީންނާއި ޝޯޓް ބޯޑިންގް ކެޓަގަރީން ވަނަތައް ހޯދި ރާއްޖޭގެ ރާޅާއެޅުންތެރީން ރާއްޖެ އަތުވެއްޖެ އެވެ.
އެ މުބާރާތުގައި ބައިވެރިވި ރާޅާއެޅުންތެރިން ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެ މުބާރާތުގެ ބައިވެރިންނަށް މަރުހަބާ ކިޔާފައި ވަނީ މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސް އަބްދުﷲ އަރީފް އާއި މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް އަހުމަދު އަޒްނީލްގެ އިތުރުން އެ ދެ އެސޯސިއޭޝަންގެ އިސް ވެރިންނެވެ.
އެ ދެ އެސޯސިއޭޝަންގެ އިސްފަރާތްތަކުގެ އިތުރުން، އެ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ސަޕޯޓަރުންވެސް ވަނީ ރޭ އެއާޕޯޓުން އެ ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.
ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ބޯޑި ބޯޑަރު އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ވަނީ ޓިއަމަން ފެސްޓިވަލް 2015 ގެ ބޯޑީ ބޯޑިންގ ކެޓަގަރީން ޗެންޕިއަންކަން ހޯދާފައެވެ. އަދި އެ ކެޓަގަރީގެ ތިންވަނަ އާއި ހަތަރުވަނަ ވެސް ރާއްޖޭގެ އަލީ ޖާވިދު އާއި ނާޒިމް އަހުމަދު ވަނީ ހޯދާފައެވެ.
ބޮޑީ ބޯޑިންގ ކެޓަގަރީގެ އިތުރުން މި އަހަރު ބޭއްވި ޓިއަމަން ފެސްޓިވަލް ޝޯޓް ބޯޑިންގ ކެޓަގަރީގެ އެއްވަނަ ހޯދީ ރާއްޖޭގެ އިސްމާއިލް މިގްލާލް އެވެ. އަދި އެ މުބާރާތުގެ އެކި ކެޓަގަރީ ތަކުގައި ރާއްޖޭގެ ބޯޑަރުން ވަނީ ކުއާޓާ ފައިނަލް އާއި ސެމީ ފައިނަލް ހީޓު ތަކުގައި ވާދަކޮށްފަ އެވެ.
މި އަހަރުގެ ޓިއަމަން ފެސްޓިވަލްގައި ރާއްޖެއިން ޖުމްލަ 11 ބޯޑަރުން ބައިވެރިވި އިރު، އެ މުބާރާތުގެ ވަނަތައް ރާއްޖޭގެ ބޯޑަރުން ހޯދީ މެލޭޝިއާގެ އެންމެ މަތީ ފަންތީގެ ރާޅާއެޅުންތެރީންގެ އިތުރުން، ސައުތު އީސްޓް އޭޝިއާގެ ބައެއް ގައުމުތަކުގެ މޮޅެތި ރާޅާއެޅުންތެރީންނާ ވާދަ ކުރުމަށް ފަހު އެވެ.