10 Feb 2015, 13:41
މިއަހަރު ބާއްވަން ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން އިންތިހާބަށް ހާއްސަކޮށް ފީފާއިން އުފެއްދި އިލެކްޓޯރަލް ކޮމިޓީން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ގޮތުގައި ފީފާއިން އިއުލާނު ކޮށްފައި ވަނީ ފީފާގެ މިޙާރުގެ ރައީސް ސެޕް ބްލެޓާ އާއި ފީފާގެ މިހާރުގެ ނައިބު ރައީސް، އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސެއިންގެ އިތުރުން، ނެދަލޭންޑުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗެއާމަން މައިކަލް ވެން ޕްރާގް އާއި ޕޯޗުގަލްގެ ކުރީގެ ފުޓްބޯޅަ ތަރި ލުއިސް ފީގޯ އެވެ.
ފީފާއިން އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް އުފެއްދި އިލެކްޓޮރަލް ކޮމިޓީން "އިންޓަގްރިޓީ ޗެކް"ތަކަކަށް ފަހު އެ އިދާރާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އިއްޔެ އެވެ.
ފީފާގެ އިންތިހާބުގައި ވާދަކުރާ ފަރާތްތައް މިހާރު ރަސްމީކޮށް އިއުލާނު ކޮށްފައި ވާއިރު، އެ މަގާމަށް މިފަހަރު ފަސްވަނަ ދައުރަކަށް ކުރިމަތިލާން ނިންމި ފީފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާއަށް ވަނީ ވޭތުވެދިޔަ އަހަރު ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައެވެ.
ކުރިއަށް އޮތް 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ގައުމު ހަމަޖެއްސުމަށް 2010 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބިޑު ރަޝިއާ އަށާއި ގަތަރަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައި ވާކަމަށް ބުނެ ފީފާއަށާއި ބްލެޓާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވާއިރު، ގިނަ ބަޔަކު ވަނީ ފީފާގެ ރައީސްކަމުން މިހާރު އޭނާ ދުރުވާން ޖެހޭ ކަމަށްވެސް ގޮވާލާފައެވެ.
ބްލެޓާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވާނަމަވެސް، އެފްރިކާ އަދި އޭޝިއާގެ އެސޯސިއޭޝަންތަކުން އޭނާއަށް ބޮޑު ތާއީދެއް އޮތް ކަމަށް ކަމާ ބެހެ މާހިރުން ދަނީ ބުނަމުންނެވެ. އަދި އޭނާއާ ދެކޮޅަށް ވާދަކުރާ ޕްރިންސް އަލީއަށް ޔޫރަޕްގެ އެސޯސިއޭޝަންތަކާއި ޔޫއެފާގެ ތާއީދު އޮތްއިރު، ލުއިސް ފީގޯއަށް ވަނީ މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއްގެ ތާއީދު ލިބިފައެވެ.
ފީފާގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންދާނީ މިއަހަރުގެ މޭ މަހު ސްވިޒަލޭންޑުގެ ޒިއުރިކްގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.