މާލޭގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ޓަކައި ވިލިމާލެ އާއި ތިލަފުއްޓާ ދެމެދު އޮންނަ ފަޅު ހިއްކައިގެން އުފެއްދި، "ގްލޯބަލް ގްރީން ސިޓީ" ގުޅިފަޅުގައި ފުލެޓު އެޅުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގުތައް ސަރުކާރުން ހިމާޔަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، ގުޅިފަޅުގެ މައްސަލަ އަކީ ވަރަށް ދުވަސްވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ސަރުކާރުން އެ ރަށުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގުޅިފަޅުގެ މައްސަލައިގައި އަޅުގަނޑު އެފަރާތްތަކަށް ދޭން ބޭނުންވާ ވަރަށް ސާފު ޖަވާބަކީ ސަރުކާރުން އެފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކޮށްދޭނަމޭ. އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން ސަރުކާރުން. އެކަމުގެ ޔަގީންކަން އެފަރާތްތަކަށް އަޅުގަނޑު ދޭން ބޭނުންވޭ،" މުއިއްޒު ވިދާޅުވި އެވެ.

ގުޅިފަޅަށް ފައިސާ ދައްކާފައިވާ އެއްވެސް ފަރާތެއްގެ ހައްގު ސަރުކާރުން ނިގުޅައިނުގަންނުވާނެ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ގުޅިފަޅުން އެފަރާތްތަކަށް ބޯހިޔާވަހިކަން ނުލިބިއްޖެނަމަ މާލެ ސަރަހައްދުން ނަމަވެސް އެފަރާތްކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"ގުޅިފަޅުގައި އެފަރާތްތަކަށް ދިރިއުޅެވޭނެ ގޮތަށް ވެސް އެކަން ނިމިގެން ހިނގައިދާނެ. ފަހަރެއްގައި އިންކޭސް މިސާލަކަށް އެތަނުގެ އެންމެ އެދެވޭ ބޭނުމަކީ އެހެން ބޭނުމެއް ކަމަށް ވާނަމަ އެއާ ގުޅިގެން އެފަރާތްތަކަށް މާލެ ސަރަހައްދުން އެކަށީގެންވާ ބޯހިޔާވަހިކަމެއް ސަރުކާރުން އެފަރާތްތަކަށް އެތަހައްމަލު ކުރަންޖެހުނު ދަތި ކަމާއި އެހުރިހާކަމަކާއި ރިއާއަތް ކުރުމަށްފަހު އެކަށީގެންވާ ބޯހިޔާވަހި ކަމެއް ސަރުކާރުން ފޯރުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވިއިރު ހަތަރު އަހަރަށް ވުރެއް ގިނަ ދުވަސްވެގެން ދިޔައިރު ވެސް ގުޅީފަޅުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ފުލެޓު ލިބިފައި ނުވާތީ އެ ފަރާތްތަކުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސް ޔާމީނަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

ސަތޭކަ ހަތް ފަރާތަކުން ސޮއިކޮށް ރައީސް ޔާމީނަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ގުޅިފަޅުގައި މީހުން އާބާދު ކުރުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ގުޅިފަޅު އިންވެސްޓުމަންޓު ލިމިޓެޑަށް ކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ގުޅިފަޅުގައި ބަޔަކު އާބާދުވެ ދިރިއުޅެވޭނެ ގޮތް ވެފައި ނުވާ ކަމަށެވެ. އަދި ގުޅިފަޅުން ފުލެޓު ގަނެފައިވާ ފަރާތްތަކުގެ ހައްގުތައް ގެއްލި ނިކަމެތި ހާލުގައި ޖެހިފައިވާއިރު އެތަން ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ގްލޯބަލް ޕްރޮޖެކްޓްސް ލިމިޓެޑް (ޖީޕީޑީ) އިންނާ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑު (ޖީއައިއެލް) އިން ނަގަންޖެހޭ ފުރިހަމަ ޒިންމާ އެ ފަރާރްތަކުން ނަގާފައި ނުވާ ކަމަށެވެ.