ތުރުކީ ފުލުހުންގެ ތެރެއިން ޓެރަރިޒަމްގެ ކުށް ހުއްޓުވުމަށް ހާއްސަކޮށްފައިވާ މީހުންގެ ތެރެއިން 29 މީހަކު، ޓެރަރިސްޓް ޖަމާއަތެއް އުފެއްދިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފި އެވެ.

ތުރުކީގެ ހުއްރިއްޔަތު ޑެއިލީ ނޫހުން ބުނީ އިސްތަންބޫލްގެ އެންޓިޓެރާ ޑިޕާޓްމެންޓަށް ފުލުހުން ވަދެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި ބުނީ ތުރުކީގެ ރައީސާއި އެހެން ބައެއް އިސްވެރިން ފޯނުން ދައްކަވާފައިވާ ވާހަކަފުޅުތައް ސިއްރުން ރެކޯޑްކޮށް، ރައްކާ ކޮށްފައިވާ ދެ ހާޑް ޑިސްކް އެތަނުން ހޯދާފައިވާ ކަމަށާއި އެކަމާ ގުޅިގެން 29 މީހުން ހައްޔަރުކުރި ކަމަށެވެ.

ނަމަވެސް ހައްޔަރު ކުރި މީހުންނާ ބެހޭ ގޮތުން ތުރުކީގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓަރު ހާދީ ސޯލިހުގުލޫ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ކަމަށް ނޫހުން ބުނީ، އެންޓިޓެރާ ޑިޕާޓްމެންޓްގެ 29 މީހަކު ހައްޔަރުކުރީ ޓެރަރިސްޓް ޖަމާއަތެއް އުފައްދައި ހިންގަމުން ދިޔަ ކަމުގެ ތުހުމަތަށް ކަމަށެވެ. ހާދީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެންޓިޓެރާ ޑިޕާޓްމެންޓުން ފެނުނު ދެ ހާޑް ޑިސްކްގައި ސިޔާސީ ބޭފުޅުންނާއި އާލިމުންނާއި އާއްމު ހިދުމަތްތެރިންގެ ފޯންކޯލްތަކުގެ ތެރެއިން 101 ކޯލެއްގެ ރެކޯޑިން ހުރި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ކޯލްތައް ރެކޯޑްކޮށްފައި ވަނީ 2010 ވަނަ އަހަރާއި 2013 އަހަރާ ދެމެދުގައި ކަމަށެވެ.