10 Feb 2015, 11:08
މަތީ ސާނަވީ އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ތ. ވިލުފުށީ ގްރޭޑް 12ގައި ކިޔަވާ ދަރިވަރުން މ. މުލީގައި ހުންނަ މ. އަތޮޅު ތައުލީމީ މަރުކަޒަށް ތަޖުރިބާ ދަތުރެއް ކޮށްފި އެވެ.
ވިލުފުށީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ނާހިދު ވިދާޅުވީ، އޭލެވެލް އަށް ތައްޔާރުވުމުގެ ގޮތުން މ. އަތޮޅު ތައުލީމީ މަރުކަޒަށް ގޮސްފައި ވަނީ އެ ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވާ 11 ދަރިވަރުންނާއި އެ ސްކޫލުގެ ތިން މުދައްރިސުން ކަމަށެވެ.
އެ ދަތުރަކީ ބެލެނިވެރިންނާ ވެސް ގުޅިގެން ކުރިއަށްގެންދާ ދަތުރެއް ކަމުން ބެލެނިވެރިން ވެސް އެ ދަތުރުގައި ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.

ތ. ވިލުފުށީ ގްރޭޑް 12ގައި ކިޔަވާ ދަރިވަރުން މ. މުލީގައި ހުންނަ މ. އަތޮޅު ތައުލީމީ މަރުކަޒަށް ތަޖުރިބާ ހޯދަން ކުރި ދަތުރުގެ ތެރެއިން ----
ހަފްތާއެއް ވަންދެން އެ ކުދިން މ. މުލީގައި ހޭދަކުރަން ހަމަޖެހިފައިވާ އިރު، މ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާ އެކު އެކުދިން ކްލާސްތަކުގައި ކިޔަވާނެ އެވެ. އަދި ވިލުފުށީ ޓީޗަރުންނާ އެކު ގުޅިގެން ކްލާސްތައް ނަގައިދޭން ހަމަޖެހިފައިވާ ކަމަށް މ. އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތުދެ އެވެ.ވިލުފުށީ ސްކޫލުގެ ޕްރިންސިޕަލް ނާހިދު ވިދާޅުވީ، އެ ސްކޫލުގެ ގްރޭޑް ނުވައެއް އަދި 10 ގެ ދަރިވަރުން މިދިޔަ ހަފްތާ ތެރޭގައި ތ. ބުރުންޏަށް ވެސް ތަޖުރިބާގެ ދަތުރެއް ކޮށްފައިވާ ކަމަށެވެ. އަދި ތިން ދުވަހަށް އެ ރަށަށް ކުރި ދަތުރުގައި ޖުމްލަ 35 ދަރިވަރުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.